ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2017 އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

DSC_5677

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އިނާމް ދިނުން 2016 ގެ ޖަލްސާގެ މަންޒަރެއް. ފޮޓޯ: ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ އިނާމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަތޮޅު ކައުންސިލުން ޢާންމުކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން މި އިނާމަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2017 ން 15 އޮކްޓޯބަރ 2017 ގެ ނިޔަލަށް އެބޭފުޅަކު ބޭނުންފުޅުވާ ދާއިރާއަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ސިޔާސަތުގެދަށުން ހަ ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އިނާމު ދެވޭ ދާއިރާތަކަކީ 

ޝަރަފުވެރިކަމުގެ އިނާމު

މަތީދަރަޖަ ހޯދާފަރާތްތަކަށް ދެވޭ ޚާއްޞަ އިނާމު

ހިތްވަރު ދިނުމުގެ އިނާމު

ކައުންސިލުންދޭ ޚާއްސަ އިނާމު

ހިންގުންތެރިކަމުގެ އިނާމު

ޚާއްސަ ޚިދުމަތުގެ އިނާމު

މިފަދަ އިނާމުތަކެއް ދިނުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ޢިލްމީގޮތުން ޤާބިލް ޖީލެއް ހއ. އަތޮޅުގައި  އުފެއްދުމާއި ޢިލްމު ހޯދުމަށް ދަރިވަރުން ކުރައްވާ މައްސައްކަތުގެ އަގުވަޒަން ކުރުމާއި ، ކުޅިވަރު ކުރިއެރުވުމާއި އަދި އިޖްތިމާޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިފަދަ އިނާމެއް ދެއްވަން ފައްޓަވާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިއީ މިގޮތުން އިނާމު ދެވޭ ތިންވަނަ ފަހަރެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން ފުރިހަމަ ކުރައްވަންޖެހޭ ފޯމް މި ވެބްސައިޓްގެ ޑައުންލޯޑްސް ބައިގެ ފޯމްތަކުން ލިބިވަޑައި ގަންނަވާނެއެވެ. އަދި އިނާމު ދިނުމާބެހޭ ސިޔާސަތު ބައްލަވަން ބޭނުންފުޅުވާނަމަ ޑައުންލޯޑްސް ބައިގެ އުސޫލްތަކުގެ ލިންކުން ފެނިވަޑައި ގަންނަވާނެއެވެ.،

ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ދިއްދޫގައި ފަންޑު ފޮއްޓެއް ބަހައްޓާގޮތަށް ހަމަޖައްސައިފި

21558539_1177006285733948_1867640731861207903_n

ރޮހިންޖާ މުސްލިމުންނަށް އެހީވެުމުގެ ގޮތުން ދިއްދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއެކު ބޭއްވުނު ބައްދަލުވުން ފޮޓޯ: ހއ. އަތޮޅު ކައުންސިލް


ބަރުމާގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަދަބުތައްދީ އެމީހުން ދިރިއުޅޭ ގެތަކުގައި އަލިފާންޖަހާ މުސްލިމުން މަރަމުން ގެންދިއުމާ ގުޅިގެން މަގުމަތިވެފައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ގޮތުން ފަންޑު ފޮއްޓެއް ބެހެއްޓުމަށް ދިއްދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުން ނިންމައިފިއެވެ.

ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލްގެ އިތުރުން ދިއްދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ދިއްދޫގައި ހަރަކާތްތެރިވާ ކްލަބު ޖަމްޢިއްޔާތަކުގެ އިސްވެރިންނާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވަނީ ދިއްދޫގައި މިހާރު ކުޅެވެމުންދާ އަޝްހާޢީދުގެ ފުޓްބޯޅަ މުބާރާތުގެ އިންޓަވަލް ވަގުތުގައި ފަންޑުފޮށި އިފްތިތާޙު ކުރުމަށެވެ.

އެހެންކަމުން މިފަދަ ވަގުތެއްގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ ނިކަމެތި ޙާލުގައި އުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އެހީގެ އަތެއް ފޯރުކޮށް ދިނުމެވެ. މި ފުރުޞަތުގައި އެބޭފުޅަކަށް ވެދެއްވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ.

މުސްލިމުންތަކެއް ހިތްދަތި ޙާލުގައި ކާނެބޯނެ އެއްޗެއްނެތި ކުޑަކުދިންނާއި މުސްކުޅިން ގޮވައިގެން ހިޔާވަހިކަމެއް ހޯދުމަށް ރެއާދުވާލު ފައިމަގުގައި ކުރަމުންދާ ދަތުރުގައި އަޅުގަނޑުމެން ހއ. އަތޮޅު ރައްޔިތުން ހެޔޮހިތުން ބައިވެރިވެ އެބައިމީހުންނަށް ޙަމްދަރުދީ ވުމަކީ އިންސާނަކަށް ވީތީ ކޮށްދެވޭނެ އެންމެއަގުބޮޑު އެއް ޚިދުމަތެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމްތަކުގައި ހއ. އަތޮޅު ރައްޔިތުން ވެދެއްވާ އެހީތެރިކަމަށް މިކައުންސިލުން ފަށްފަށުން ޝުކުރު އަދާކުރަމެވެ.

ކައުންސިލަރުންނަށް އަމާޒް ކުރައްވައިގެން ބާއްވަވާ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއްޖެ

DSCN3864

ކައުންސިލްތަކުން މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން: ފޮޓޯ ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި، ކައުންސިލްތަކުގައި ވަޒީފާ އަދާކުރައްވާ ޒިންމާދާރު ވެރިންނަށް އަމާޒުކުރައްވައިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ބާއްވަވާ ކައުންސިލަރސް އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ހއ. ދިއްދޫގައި ފެށިއްޖެއެވެ.

2017 އޯގަސްޓް 26 ން 28 އަށް ހިންގަވާ މި ބައްދަލުވުމުގައި ހއ. އަތޮޅުން އަށް ރަށެއްގެ ރަށުކައުންސިލުންނާއި އަތޮޅު ކައުންސިލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށީ، އުތީމު، ވަށަފަރު ކައުންސިލުންނެވެ.

މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގައި ކައުންސިލްގެ ދައުރަކީ ކޮބައިކަން އަންގައި ދިނުމެވެ.

މިއަދު ހަވީރު ފެށުނު މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކަށް ލާޒިލްކުރާ ކަންތައްތައް ފުރިހަމަ ކުރެވިފައިވާކަން އުފަލާއެކު ފާހަގަ ކުރައްވާކަމަށެވެ. އެގޮތުން ފޮނުވަންޖެހޭ ރިޕޯރޓްތަކާއި ޔަވްމިއްޔާތަށް ގާނޫނުގައިވާ ސުންގަޑިއަށް ފޮނުއްވާފައިވާތީ އެކަން ފާހަކޮށް ކައުންސިލްތަކަށް ނިހާޔަތަށް ޝުކުރު ދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކަން އެގޮތަށް ގެންގޮސްދިނުމަށް އެދިވަޑައިގެން ވާހަކަ ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި އެލް.ޖީ.އޭގެ ފަރާތުން ވާހަކަ ދައްކަވުން އެލް.ޖީ.އޭގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގަން ރާވާފައިވަނީ ބަޖެޓްގެ ކަންތައްތައް ހުރިގޮތުން އޮންލައިންކޮށް ކަމަށެވެ. އެހެންނަމަވެސް ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިސްނެގުމާއެކު މި ޕްރޮގްރާމް މިގޮތަށް ބޭއްވުމަށް ހަމަޖެއްސީކަމަށް ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމުން އެނގިގެންދާނީ ލާމަރުކަޒު ކުރުމަކީ ކޮބައިކަމާއި ލޯކަލް ކައުންސިލްގެ ދައުރަކީ ކޮބައިކަމާއި ރަށެއްގެ ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށް ދެވިދާނެ ޚިދުމަތްތަކަކީ ކޮބައިކަމާއި އެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި މައި ސަރުކާރުން ކައުންސިލްތަކާއި މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި ޢަމަލުކުރާނެ އުޞޫލްތައް އަންގައި ދިނުމެވެ.

ފަހިއަރަނި ސްކީމުން ތަކެތި ހޯދުމަށް ގިނަފާރާތްތަކުގެ ތަރުހީބު

Computers

އިލެކްޓްރޯނިކްސް ސާމާނުތަކެއް: ފޮޓޯ ގޫގުލް އިމޭޖް


ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ފައްޓަވާފައިވާ '' ފަހިއަރަނި '' ސްކީމްގެ ދަށުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވިހި ފަރާތަކަށް ތަކެތި ދޫކުރައްވާފައިވާކަމަށް އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ ފަހިއަރަނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.

އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި މި ސްކީމަށް ކަނޑައަޅާފައިވާ ތިންލައްކަ ފަންސާސް ހާސް ރުފިޔާގެ ބަޖެޓްގެ ތެރެއިން މިހާތަނަށް، މި ސްކީމުން ނަގާފައިވާ ތަކެތީގެ އަގަށް ދެލައްކަ ބާވީސްހާސް ރުފިޔާއަށްވުރެ ގިނައިން ޚަރަދު ވެފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.

އަތޮޅު ކައުންސިލަށް އާމްދަނީ އިތުރުކުރުމަށާއި އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ މި ސްކީމަށް ވަރަށްބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ޕާސްޕޯޓްގެ ޚިދުމަތަށް އެދި ގިނަބަޔަކު ފޯމް ހުށަހަޅައިފި

18765647_1356667744400044_1710411149626948792_n

އަތޮޅު ކައުންސިލާއި މޯލްޑިވްސް އިމިގްރޭޝަނާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން.


މިއަހަރު ޖޫންމަހުގެ 18 ގައި ފެށުނު މިޚިދުމަތަށް އެދި ވޭތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި ސާޅީހަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް  އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ.

އަތޮޅުގައި ތިއްބަވައިގެން ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި މޯލްޑިވްސް އިމްގްރޭޝަނާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލާ ދެމެދު ސޮއިކުރެވުނީ 29 މެއި 2017 ގައެވެ. މި އެއްބަސްވުމުގެ ދަށުން ޕާސްޕޯޓް ނަގަން ދާންޖެހެނީ ހދ. ކުޅުދުއްފުއްޓަށް ނުވަތަ މާލެއަށެވެ. މިއީ ފުރަތަމަ ފިޔަވަހީގައި މިކަން ކުރަން ހަމަޖެހިފައިވާގޮތެވެ.  

ހއ. އަތޮޅު ޤުރުއާން މުބާރާތް 1438 ނަތީޖާ ފާޅުކޮށް ތައްޓާއި އިނާމު ދެއްވައިފި

19756700_1400760209990797_8570854499850321768_n

1438 ވަނައަހަރު ހއ. ކެލާގައި ބޭއްވުނު ޤްރުއާން މުބާރާތުގައި އިނާމް ދެއްވަނީ


ބައްތިރީސްވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ  މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ހޮވުމަށް މިމަހުގެ 6 ން 8 އަށް ހއ. ކެލާގައި ބޭއްވުނު ހއ. އަތޮޅު ޤުރުއާން މުބާރާތް 1438 ގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި އިނާމް ދެއްވައިފިއެވެ.

މިކަމަށްޓަކައި ޖުލައި 7 ވަނަ ދުވަހުގެރޭ ހއ. ކެލާ މަދްރަސަތުއް ޝައިޚް އިބްރާހީމްގައި ބޭއްވުނު ރަސްމިއްޔާތުގެ ޝަރަފް މެހްމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާނެވެ. މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލްގެ އިސްވެރިންނާއި، ކެލާ ކައުންސިލަރުންގެ އިތުރުން ކެލާގައި ހުންނަ ސަރުކާރު އޮފީސްތަކުގެ ވެރިންނާއި ރައްޔިތުން ބައިވެރިވެ ލެއްވިއެވެ.

މި މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިން ( 10 ފޮތުން ) އެއްވަނައަށް އައީ ހއ. ދިއްދޫ ފެހިއާރު ނުޒުލާ އިސްމާޢީލް ރަޝީދެވެ. ދެވަނައަށް އައީ ހއ. ކެލާ ކާނިގަސްދޮށުގެ ޢާއިޝަތު ނަބީހާ އަމީންއެވެ. ތިންވަނައަށް އައީ ހއ. ދިއްދޫ އާނިރު ޖަޒްލާން ޖައުހަރީ ޢަލީއެވެ.

މި މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިން ( 20 ފޮތުން ) އެއްވަނައަށް އައީ ހ.ލައިކް / މާލެ / ގްރީންހެވަން ހއ. ހޯރަފުށި ރާއިފް މުޙައްމަދު ރަފީޢުއެވެ. ދެވަނައަށް އައީ ހއ. ދިއްދޫ ސާވަން ޒުމްރާ އަޙުމަދެވެ. ތިންވަނައަށް އައީ ހއ. ކެލާ ރޭއަލިވާގެ އަޙުމަދު އަބާން ޒުބައިރެވެ.

މި މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިން ( 30 ފޮތުން ) އެއްވަނައަށް އައީ ހއ. ހޯރަފުށީ ތޯތާގެ އަޙުމަދު ސުޖާއުއެވެ. ދެވަނައަށް އައީ ހއ. ހޯރަފުށީ ރަސްކަރަ ޢާއިޝަތު ޝަރުފާ އެވެ. ތިންވަނައަށް އައީ ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ.

މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ބައިން އެއްވަނައަށް އައީ ހއ. ހޯރަފުށީ ތޯތާގޭ އަޙުމަދު ސުޖާއެވެ. ދެވަނައަށް އައީ ކ.މާލެ ހ. ލައިކް / ގްރީންހެވަން ހއ. ހޯރަފުށީ ރާފިޢު މުޙައްމަދު ރަފީޢުއެވެ. ތިންވަނައަށް އައީ ހއ. ހޯރަފުށީ ރަސްކަރަ ޢާއިޝަތު ޝަރުފާއެވެ.

ހިތުން ކިޔެވުމުގެ ބައިން ( 05 ފޮތުން ) އެއްވަނައަށް އައީ ހއ. ދިއްދޫ ސަންސައިން އައުލާ އަޙުމަދު ޝާކިރެވެ. ދެވަނައަށް އައީ ހއ. ދިއްދޫ މާޒީ މަރިޔަމް މާހާ މުޙައްމަދެވެ. ތިންވަނައަށް އައީ ހއ. ހޯރަފުށީ ފެންފިނިގެ މުޙައްމަދު އަޔާސް ޢަލީއެވެ. އަދި މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް އައީވެސް މި ތިން ކުދިންނެވެ.

މި މުބާރާތުގައި އަތޮޅު ކައުންސިލްގެ އިތުރުން މަނަފަރު ރިސޯޓުންވެސް އިނާމް ހުށަހެޅުއްވާފައި ވެއެވެ. ވަނަތަކަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ތަށި ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން އަލްޤާރީ ޢަލީވަހީދު ޢަބްދުއްރަޙްމާނާއި އަތޮޅު ކައުންސިލްރުންނާއި ކެލާ ކައުންސިލަރުންނެވެ.

ހއ.އަތޮޅު ޤުރުއާން މުބާރާތް ފެށިއްޖެ

IMG_0126

ހއ. ކެލަގައި މިހާރު ހިނގަމުންދާ އަތޮޅު ޤުރުއާން މުބާރާތުގެ ތެރެއިން


ހއ. އަތޮޅު ޤުރުއާން މުބާރާތް 1438 މިރޭ 20:45 ގައި ހއ.ކެލާގައި ފެށިއްޖެއެވެ.  މި މުބާރާތަކީ 32 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހއ. އަތޮޅު ތަމްސީލް ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ އަތޮޅު ޤުރުއާން މުބާރާތެވެ.

ހއ. އަތޮޅުގެ 11 ރަށަކުން ޖުމްލަ 69 ކުދިން ބައިވެރިވި މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 59 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 10 ދަރިވަރުން ބައިވެރި ވެއެވެ. މިރޭގެ ފުރަތަމަ ދަންފަޅީގައި 10 ދަރިވަރަކު ކިޔަވާނެއެވެ. މިއަދު ހެނދުނު ދަންފަޅީގައި 25 ދަރިވަރަކު ކިޔަވަން ހަމަޖެހިފައި ވެއެވެ.

އަދި މިއަދުގެ މެންދުރުފަހު ދެދަންފަޅިގައި ނުބަލައި ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 14 ދަރިވަރަކު ކިޔަވާނެއެވެ. 2 ދުވަހުގެ މުއްދަތަށް ހިނގަމުންދާ މި މުބާރާތުގެ ޝަރަފްވެރި މެހުމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާނެވެ.

މި މުބާރާތުގެ ފަނޑިޔާރުންނަކީ 1438 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދެއްވި އެންމެ އަލިގަދަ ތަރީގެވެސް ފަނޑިޔާރުކަން ކުރެއްވި، އިސްލާމިކް މިނިސްޓްރީގެ ވާޢިޘް އަލްޤާރީ އަޙުމަދު މައުމޫން އާއި އިސްލާމިކް ޔުނިވަރ ސިޓީގެ އެސިސްޓެންޓް ލެކްޗަރާ އަލްޤާރީ އިބްރާހީމް ޝިފާއު އާއި އިސްލާމިކް ޔުނިވަރ ސިޓީގެ އެސޯސިއޭޓް ލެކްޗަރާ އަލްޤާރީ ފާޠިމަތު ރަޝިދާއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 07 ޖުލައި 2017 ވަނަ ދުވަހުގެރޭ 20:45 ގައެވެ. ވޭތުވެދިޔަ އަހަރު މި މުބާރާތް ބޭއްވުނީ ހއ. އުތީމުގައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ޓީމެއް ހއ. ކެލާގައި ހަރަކާތްތެރި ވަމުން ދާކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ހއ.އަތޮޅު ޤުރުއާން މުބާރާތް 1438 މާދަމާ ރޭ ފެށޭނެކަމަށް މަޢުލޫމާތު ލިބިއްޖެ

inaam

ހއ. އަތޮޅު ޤުރުއާން މުބާރާތް 1437 ހއ. އުތީމް އިނާމު ދިނުން


ހއ. އަތޮޅު ޤުރުއާން މުބާރާތް ( 1438 ) 6 ޖުލައި 2017 ވަނަ ދުވަހުގެ ރޭ ހއ. ކެލާގައި ފެށޭނެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. 11 ރަށަކުން 69 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 59 ކުދިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 10 ކުދިން ބައިވެރިވެފައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ޤުރުއާން މުބާރާތް ހިންގުމާބެހޭ ޤަވަޢިދާ އެއްގޮތަށެވެ.  މިދިޔައަހަރު ހއ. އަތޮޅު ޤުރުއާން މުބާރާތް  ބާއްވާފައިވަނީ ހއ. އުތީމުގައެވެ.

ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމް ބަލައިގަތުން މާދަމާ ފެށޭނެ

18765647_1356667744400044_1710411149626948792_n

ހއ. އަތޮޅުން ޕާސްޕޯޓް ހެއްދުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުން


އަތޮޅުގައި ތިއްބަވައިގެން ދިވެހި ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ މަސައްކަތް 18 ޖޫން 2017 ވާ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދަވާގޮތަށް އަތޮޅު ކައުންސިލުން އާންމުކޮށް އިޢުލާން ކުރައްވައިފިއެވެ. އަތޮޅު ކައުންސިލުން ކުރައްވާފައިވާ އިޢުލާންގައިވަނީ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:30 އަށެވެ.

ރަމަޟާންމަހު ފޯމް ބަލައިގަންނަ ހަމަޖެހިފައިވަނީ ހެނދުނު 10:00 ން 12:30 ގެ ނިޔަލަށެވެ. ދިވެހި ޕާސްޕޯޓް ހެއްދުމަށް އަތޮޅު ކައުންސިލުން ފޯމް ބަލައިގެން ނަމަވެސް ފުރަތަމަ ފިޔަވަހީގެ ދަށުން ހެއްދޭ ޕާސްޕޯޓާ ޙަވާލުވުމަށް ވެރިފަރާތުން ވަޑައިގެންނަވަން ޖެހޭނީ ހދ. ކުޅުދުއްފުއްޓަށް ނުވަތަ މާލެއަށެވެ.

މުސްތަގުބަލްގައި އިމިގްރޭޝަންގެ ޔުނިޓް ހުޅުވި އެތަނުގައި މަސައްކަތް ފެށުމުން މިކަން ހައްލުވެގެން ދާނެކަމަށް މަޢުލޫމާތު ދެއްވިއެވެ.

އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ ކައުންސިލްގެ ރައީސް ބައްދަލުކުރައްވައިފި

abdulla


ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަވަހަށް ޚިދުމަތް ދިނުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ 04 ޖޫން 2017 ވަނަ ދުވަހު ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރައްވައެވެ.

އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ ބައްދަލު ކުރައްވަމުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ 2 ވަނަ ދައުރުގައި އަތޮޅު ކައުންސިލުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ޙާސިލްކުރެވުނީ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރެއްވުމުގެސަބަބުން ކަމަށާއި އެހެންކަމުން ކައުންސިލްގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދައުރުގައިވެސް މުވައްޒަފުންނާ ގުޅިގެން ކައުންސިލް ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ނައިބުރައީސް އަލްފާޟިލް ޢަލީ ޝަމީމުއާއި ކައުންސިލާ އަލަށް ގުޅިވަޑައިގެންނެވި ދިއްދޫ ދާއިރާގެ ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ސިރާޖާއި، ކެލާ ދާއިރާގެ ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ އިންފާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވުން ކައުންސިލްގެ ނައިބު ރައީސާއި އެހެން މެމްބަރުން ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވާނީ ސިޔާސީ ފިކުރުން އެއްކިބާވެ ތިބެ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. އަދި ކައުންސިލްގެ ކުރިއެރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މުވައްޒަފުންގެ ފަރާތުން ވާހަކަދައްކަވަމުން ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޝަފީޤް ވިދާޅުވީ، މި ކައުންސިލްގެ މުވައްޒަފުންނަކީ ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރައްވާ މުވައްޒަފުންތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް، ކައުންސިލުން ނިންމަވާ ނިންމުންތައް ތަންފީޒު ކުރުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރެއްވުމަށް މުވައްޒަފުން ތައްޔާރަށް ތިބިކަމަށެވެ. މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

« Older Entries Recent Entries »