މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ބައިތުބާޒީ މުބާރާތެއް ބާއްވައިފި

ބައިނަލް އަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އަތޮޅުކައުންސިލުން ބައިތުބާޒީ މުބާރާތެއް ބާއްވައިފިއެވެ. ފެބުރުވަރީ 21 ވަނަ ދުވަހުގެ ރޭ އަތޮޅު ކައުންސިލްގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދެވުނު މި މުބާރާތް ބާއްވާފައިވަނީ ކައުންސިލްގެ މުވައްޒަފުން ހަތަރު ޓީމަކަށް ބަހާލައިގެންނެވެ.

 

ފަތިސް، ފެންފިޔާޒު، މިފަހަރު މޮޅުވާނެ، ސިއްކަމޮހޮރީ މި ހަތަރު ޓީމުގެ ތެރެއިން ފުރަތަމަ ބުރުގައި ވާދަކުރީ މިފަހަރު މޮޅުވާނެ ޓީމާއި ސިއްކަމޮހޮރީ ޓީމެވެ. މި ދެޓީމް ވާދަކޮށް ސިއްކަ މޮހޮރީ ކުރިހޯދީ  17-23 ގެ ނަތީޖާ އަކުންނެވެ. ދެވަނަ އަށް ބައްދަލުކުރީ ފެންފިޔާޒާއި ފަތިސް ޓީމެވެ. މި ދެ ޓީމް ވާދަކޮށް  14-24 މޮޅުވީ ފަތިސް ޓީމެވެ.

 

ފައިނަލް ބުރުގައި ވާދަކުރީ ފުރަތަމަ ބުރުގައި ވާދަކުރި ހަތަރު ޓީމްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދި ފަތިސްޓީމާއި ސިއްކަމޮހޮރީ ޓީމެވެ. މި ދެޓީމުން ވެސް ވާދަވެރިކަމާއެކު ބައިތުކިޔުން ކުރިއަށް ގެންދިޔައެވެ. ބައިތު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތުހަމަވިއިރު 27-28 ގެ ނަތީޖާއިން ސިއްކަމޮހޮރީ މޮޅުވީ ފަތިސްޓީމްގެ މައްޗަށް 1 ޕޮއިންޓުން ކުރިހޯދައިގެންނެވެ.

ފޯރިގަދަ ބައިތުބާޒީ މުބާރާތުން އެންމެ ގިނަ ބައިތު ކިޔުންތެރިޔަކަށް ލިބޭ ތަށި ޙާޞިލުކުރީ ފަތިސްޓީމުގެ އަސްމާ އިބުރާހީމެވެ.