ހއ. އަތޮޅު ކައުންސިލްގެ އިދާރާ
ބޮޑުތިލަދުންމަތި ދެބައިކޮށް ( ހއ. އަތޮޅު އުފެދުން )
ދިވެހި ދައުލަތުގެ އެކިއެކި ކަންކަން ހިނގިގޮތް ރިކޯޑުކުރާ ފޮތުގައި ލިޔެފައި އޮންނަނީ، “1 ޒުލްޤަޢިދާ 1377ހ ބުދަ (21 މޭ 1958މ) ދުވަހު ދިވެހި ދައުލަތުގެ ފަރާތުން ތިލަދުންމަތި ދެބަޔަށް ބައްސަވައި ތިލަދުންމަތީ އުތުރުބުރިއަކާއި، ތިލަދުންމަތީ ދެކުނުބުރިއެއްގައި އަތޮޅުވެރިކަން ކުރުމަށް ކަޑައެޅި، އަތޮޅުވެރީންނާއި ވަކީލުން ލައްވައިފިއެވެ” (ޞ. 202). އެކަމަކު، 1 ޒުލްޤަޢިދާ 1377ހ. ދުވަހަށް ވާނީ 20 މޭ 1958މ. ވީ އަންގާރަ ދުވަހެވެ. އަދި 21 މޭ 1958މ. ވީ ބުދަ ދުވަހަށް ވާނީ 2 ޒުލްޤަޢިދާ 1377ހ. އެވެ (އިސްލާމިކް ފިލޯސޮފީ އޮންލައިން). “ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު” ގައި މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި ތިލަދުންމަތި ބައިކޮށް އުތުރުބުރިޔާއި ތިލަދުންމަތި ދެކުނުބުރި އުފެދުނީ 21 މޭ 1958މ. ގައެވެ.
ތިލަދުންމަތި ބައިކުރެވުނީ، ބާރަށާއި ހަނިމާދުވާ ދޭތެރޭގައި އޮންނަ ކަނޑުއޮޅިއާއި ރުއްފުށީ ކަނޑުއޮޅިއާ ދެމެދުންނެވެ. މީގެ އުތުރު ބުރިއަކީ ތިލަދުންމަތީ އުތުރުބުރި (ހއ) ކަމުގައި ކަނޑައަޅައި، ދެކުނު ބުރިއަކީ ތިލަދުންމަތީ ދެކުނުބުރި (ހދ) ކަމުގައި ކަނޑައެޅުނެވެ. މުޙައްމަދު އަމީނުގެ ދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް “ހަށަނަރަބަޅަ” އިގެ އަކުރުތަކުން ކޯޑު ހަމަޖެއްސެވިއިރު ތިލަދުންމައްޗަށް ދެއްވާފައި އޮތީ “ހ” އެވެ. ބޮޑުތަކުރުފާނުންގެ ރަސްކަމުގެ ޒަމާނުއްސުރެ އެތައް 100 އަހަރެއް ވާންދެން ތިލަދުންމަތީގެ އަތޮޅުވެރިކަން ކުރަމުން އައި ނޮޅިވަރަންފަރުން ވެރިކަމުގެ ދެބައިންބައި ނަގައި، ތިލަދުންމަތީ އުތުރު ބުރީގެ ވެރިކަންކުރާ ރަށުގެ ގޮތުގައި ދިއްދޫ ހަމަޖެހުނެވެ. އަދި ތިލަދުންމަތީ ދެކުނުބުރީގެ ވެރިރަށަކީ ނޮޅިވަރަންފަރު ކަމުގައި ކަނޑައެޅުނެވެ. ހއ. އަތޮޅުވެރިއަކަށް ލެއްވީ އަލްމުޙުތަރަމް މުޙައްމަދު ޙަސަނެވެ. ވަކީލެއްކަމުގައި އަލްމުޙުތަރަމް ދިއްދޫ ދޮން ޙުސައިން ކަލޭގެފާނެވެ. މެންބަރުން ކަމުގައި އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ އާއި އަލްމުޙުތަރަމް ދިއްދޫ ޚަޠީބު އިބްރާހީމް ކަލޭގެފާނެވެ. ހދ. އަތޮޅުވެރިއަކަށް ލެއްވީ އަލްމުޙުތަރަމް ޢަލި ކަލޭފާނު ކުޑަތުއްތެވެ. ވަކީލެއްކަމުގައި އަލްމުޙުތަރަމް މާރަންދޫ ޒަކަރިއްޔާ ކަލޭފާނެވެ. މެންބަރުން ކަމުގައި އަލްފާޟިލް މުޙައްމަދު އިބްރާހީމް ދީދީ އާއި އަލްފާޟިލް ސައްޔިދު ސަޢީދެވެ. މިކަނޑައެޅުނު އުސޫލުގެ މަތީން އަތޮޅުވެރިކަން ކުރަމުން އައިސް، 1992މ. ވަނަ އަހަރުގެ މޭ މަހުން 6 ވަނަ ދުވަހުގައި ނޮޅިވަރަންފަރުގައި ހިނގަމުން އައި އަތޮޅުވެރިކަން ކުޅުދުއްފުއްޓަށް ބަދަލުކުރެވުނެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް
ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް އުފެދިފައިވަނީ 21 މޭ 1958 ވީ ބުދަ ދުވަހުއެވެ. ( ބޮޑުތިލަދުންމަތި ދެބައިކުރި ހިސާބުން ފެށިގެންނެވެ. ) ތިލަދުންމަތީ އުތުރުބުރީގެ ފުރަތަމަ އަތޮޅުވެރިޔަކީ އަލްމުހުތަރަމް މުޙައްމަދު ޙަސަނެވެ. އެންމެ ފަހުގެ އަތޮޅުވެރިޔަކީ ލ. މާބައިދޫ އާސީރުވާދު އަލްފާޟިލް މުޙައްމަދު ރަޝީދެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް އުފެދުނުފަހުން އަތޮޅު ކައުންސިލް އުފެދުމާ ދެމެދު ފާއިތުވެގެންދިޔަ 53 އަހަރުގެ ތެރޭގައި 13 ބޭފުޅަކު އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ
ޤާނޫނީގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން އުފެދި އަތޮޅުއޮފީހުގެ ނަން އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުވަންދެން އަތޮޅުއޮފީސް ހިންގަމުން އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ އަތޮޅު ވެރިޔަކު ހުންނަވައިގެންނެވެ. އަތޮޅުއޮފީހުގެ ނަން އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުވީ 26 ފެބުރުއަރީ 2010 ގައެވެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް
26 ފެބުރުވަރީ 2010 ގައި އުފެދުނު، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އަތޮޅު ކައުންސިލަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް ހިންގުމާއި، ހއ. އަތޮޅު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރާއެކު މަސައްކަތް ކުރުމާއި، އަތޮޅު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ރާވާ ހިންގުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމާއި، ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މައްސަލަތައް ހައްލުކޮށް ދިނުމެވެ.
ލިބިފައިވާ ކާމިޔާބީތަކާއި ހާސިލް ކުރެވިފައިވާ ލަނޑުދަޑިތައް
ތިލަދުންމަތީ އުތުބުރީ އަތޮޅު އޮފީސް އުފެދުނު ދުވަހުއްސުރެ ހއ. އަތޮޅު އޮފީހަކީ ސަރުކާރާއި ރައްޔިތުންގެ މަސައްކަތުގައި ރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ އޮފީހެކެވެ. ސަރުކާރުން އަންގަވާ ކަންކަމުގައި ފަހަތަށް ނުޖެހި ސާބިތުކަމާއެކު ޖަވާބުދާރީވާ އޮފީހެކެވެ. އަދި ރައްޔިތުންނަށް ދިމާވާ މުހިއްމު ކަންކަމުގައި އެންމެ ފުރިހަމައަށް އިސްނަގައިގެން މަސައްކަތްކުރާ އޮފީހެކެވެ. މިކަންކަން ސަރުކާރުންނާއި ރައްޔިތުން ފާހަގަ ކުރެއެވެ. މިގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒު އަލަށް ޢިމާރާތް ކުރިދުވަސްވަރު އުތުރުގެ ދެތިން އަތޮޅަކާ ވާދަޖަހައިގެން އެންމެއަވަހަށް ޢިމާރާތްކުރާ ސްކޫލަކަށް ސަރުކާރުން ހުށަހެޅި އިނާމު ޙާސިލް ކުރުމަށްޓަކައި ރެއާއި ދުވާލު ވަރަށް ޖޯޝާއި ފޯރީގައި ކުރިމަސައްކަތުން ހއ. އަތޮޅުން 1 ވަނަ ހޯދާއިގެން އިނާމް ހާސިލްކޮށްފައި ވެއެވެ. މި މަސައްކަތް ރާވާހިންގީ އޭރުގެ ހއ.އަތޮޅު ވެރިޔާ އަލްމަރުޙޫމް ވަށަފަރު އާދަމް ކަލޭފާނު އިސްވެ ހުންނަވައިގެންނެވެ. އަދި އަތޮޅުތަކަށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި އޭރު ޤައުމީ ފެންވަރުގައި ބާއްވަމުން އައިސްފައިވާ އަތްތެރި މަސައްކަތުގެ ބައެއް މަޢުރަޒުތަކުން ވަނަ ހޯދާފައިވާކަންވެސް މި ފުރުސަތުގައި ފާހަކުރަމެވެ.
މީގެ އިތުރުން 1988 ނޮވެމްބަރ މަހުގެ 3 ވަނަދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން އެކަން އަތޮޅުތަކުގެ ސަމާލުކަމަށް ގެނައީ، މާލެއަތޮޅު އަތޮޅުއޮފީހުން ދިން ޚަބަރަކާ ގުޅިގެން އޭރުގެ ހއ. އަތޮޅު އޮފީހުންކަން ފާހަގަ ކުރަމެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އަތޮޅު ތަކުގެ ރައްޔިތުންނާއި ކުދިބޮޑު އެންމެތަކުން ކަންކުރަންވީގޮތް، އެވަގުތު ނ. އަތޮޅުގައި ހުންނެވި އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމާއި މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާންގެ ލަފާގެމަތިން އަތޮޅުތަކަށް އަންގަމުން ގެންދިއުމުގައި އެންމެ އިސްދައުރެއް އަދާކުރީވެސް މިއަތޮޅުންކަން ފާހަގަ ކުރަމެވެ.
އަތޮޅުތައް ހިންގުމަށް އައި ބޮޑު ބަދަލާގުޅިގެން އަތޮޅު ކައުންސިލްތައް އުފެދި، ފުރަތަމަ ދައުރު ނިމުނު އިރު އަތޮޅު ނަމުގައި ބޭސް ފިހާރައެއް ހުޅުވުން ފިޔަވައި އިތުރު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ޢިމާރާތްތަކާއި، އެއްގަމާއި ކަނޑުގެ ވެހިކަލްތައް މަރާމާތުކުރެވޭނެ ގޮތެއްނެތި ވީރާނާ ވަމުންދަނިކޮށް އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި ކުރެވުނު މިންނެތް މަސައްކަތުން އަތޮޅުގޭގެ ޢިމާރާތް މާރާމާތުކޮށް އެއްގަމާއި، ކަނޑުގެ ވެހިކަލްތައް މަރާމާތުކޮށް ވުޖޫދަށް ގެނެސް ބޭނުންކުރަންފެށިި އެތަންތަނަށް އާމްދަނީ ލިބޭނެގޮތްވަނީ ތަނަވަސްވެފައެވެ. މިއީ އަތޮޅު ކައުންސިލަށް ލިބުނު ކުރިއެރުމެކެވެ.
ކައުންސިލްގެ ދެވަނަ ދައުރުގައި ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ފެށުނު މަސައްކަތަކީ އަތޮޅު ރައްޔިތުން އަތޮޅުން ބޭރަށްނުގޮސް ދިވެހި ޕާސްޕޯޓް ހެއްދޭނެގޮތް ހަމަޖެހޭތޯ ކުރެވުނު މަސައްކަތެވެ. މި މަސައްކަތްވެސް ތަފާތު ގޮންޖެހުންތަކާއެކު ލަސްވެގެން ދިޔަނަމަވެސް ދެވަނަ ދައުރު ނިމެނިކޮށް މޯލްޑިވެސް އިމިގްރޭޝަން އޮތޯރިޓީއާ ހއ. އަތޮޅު ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޕާސްޕޯޓަށް އެދޭ ފޯމް ބަލައިގަނެ ފޯމް ފޮނުވުމުގެ މަސައްކަތް ފެށުނެވެ. އަދި މިކަމަށް މީހުން ތަމްރީންވެސް ކުރެވިފައި ވެއެވެ.
އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި މުޅިން އަލަށް ފެށުނު އަނެއްކަމަކީ އަތޮޅަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދެވޭ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދިނުމުގެ މަސައްކަތެވެ. މިގޮތުން 2015 ވަނައަހަރާއި 2016 ވަނައަހަރުވެސް އެފަދަ ފަރާތްތަކަށް ޤައުމީ ފެންވަރުގައި ޙަފްލާ ބާއްވާ މުޅި ރާއްޖެއަށް ފެންނަގޮތަށް ލައިވްކުރި ޙަފްލާގައި ޝަރަފްވެރިންގެ އަތްޕުޅުން އިނާމް ދެވިފައިވެއެވެ. މިއީ އަތޮޅު ކައުންސިލަށް ލިބުނު ފާހަގަކުރެވޭ ކުރިއެރުންތަކެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތައް ގިންތި ކުރުމަށް 2015 ވަނައަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 5 ވަނައަށް ހއ. އަތޮޅު ހޮވިފައިވުމާއި، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނޫގެ ތަރަހައިގެ ތެރެއިން އަމިއްލައަށް އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެއްވާ ރަންވަނައިގެ އިނާމު 2017 އަދި 2018 ވަނައަހަރު ( މުޅިރާއްޖެއިން އެއްވަނަ ކައުންސިލަކަށް ހޮވިގެން ) ވާދައިގެ ތަށި ލިބިފައިވާކަން ފާހަގަ ކުރަމެވެ. އަދި މީގެ އިތުރުން 2017 ވަނަ އަހަރު ކައުންސިލްތައް މިންކުރުމުން ލާމަރުކަޒީ ޤާނޫނަށް ޢަމަލުކޮށްފައިވާ އެންމެ ރަނގަޅު ކައުންސިލަކަށްވެސް މި ކައުންސިލް ހޮވިފައި ވެއެވެ.