ހއ. އަތޮޅުގެ ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުމަށް ބާއްވާ އިޙްޔާ ޕްރޮގްރާމް މި މަހު 21- 22 އަށް

ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން  ސިލްސިލާކޮށް ބަރަކާތްތެރި ރަމަޟާން މަހު ކުރިއަށް ގެންދާ އިޙްޔާ ޕްރޮގްރާމް މި އަހަރު ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ގިނަ  ދީނީ ޢިލްމުވެރިންތަކެއް ހިމެނޭހެން އިޙްޔާ ޕްރޮގްރާމްގެ ދަށުން ދީނީ ދަރުސް ދިނުން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ  މި މަހުގެ 22،21  މި ދެދުވަހު ހއ. އަތޮޅުގެ 13 ރަށެއްގައެވެ.

މިއީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ހއ. އަތޮޅުގެ ރައްޔިތުންގެ ދީނީ ހޭލުންތެރި ކުރުން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިޙްޔާ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ 7 ރަށެއްގައެވެ. އެގޮތުން 21 ވަނަ ދުވަހު  މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އުލިގަން، ފިއްލަދޫ، ތުރާކުނު، އިހަވަންދޫ، ތަކަންދޫ އަދި ވަށަފަރުގައެވެ. 22 ވަނަ ދުވަހު އިޙްޔާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯރަފުށި، ބާރަށް، މުޅަދޫ، މާރަންދޫ، އުތީމު، ކެލާ އަދި ދިއްދޫގައެވެ.

 

މިއަހަރު އިޙްޔާ ޕްރޮގްރާމްގެ ދަށުން ދީނީ ދަރުސް ދެއްވާނީ، އައްޝައިޚް ޢަބްދުއްސަލާމް ދާއޫދު، އައްޝައިޚް މުޙައްމަދު ޝާހިދު، އައްޝައިޚް އަތީފް އަބޫބަކުރު، އައްޝައިޚް މުޖްތަބާ ޙަމީދު، އައްޝައިޚް ޙަސަން ޒިޔާން، އައްޝައިޚް މުޙައްމަދު މަންސޫރު އަދި އައްޝައިޚް އާދަމް ބަޝީރެވެ.