ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ހިންގި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ނިމިއްޖެ

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލާއި ހއ. އަތޮޅު ޕޮލިސް ގުޅިގެން މި މާރިޗު މަހުގެ 2ން 7ށް ހިންގި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ނިމިއްޖެއެވެ.

 

ކޯސް ނިންމުމުގެ ގޮތުން  މާރިޗު މަހުގެ 8ވަނަ ދުވަހު ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ޑޮކްޓަރ ޢަމްޒަތު އަޙްމަދެވެ.

މި ކޯހަކީ ހއ. އަތޮޅުގައި މަސްވެރިކަމުގެ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ހއ. އަތޮޅުގެ ޒުވާނުންނަށާއި މި ދާއިރާތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ތަފާތު ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގުނު ކޯހެކެވެ. މި ކޯހުގައި ޖުމްލަ 31 ބައިވެރިން ބައިވެރިވެ 28 ބައިވެރީން ކޯސް ފުރިހަމަ ކޮށްފައިވެއެވެ.

 

މި ކޯހުގައި ކިޔަވައިދެއްވީ ސްކޫބާ ގިއަރ  މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދެ އިންސްޓްރަކްޓަރުން ކަމުގައިވާ އަލްފާޟިލް އިސްމާޢީލް މާހިރާއި އަލްފާޟިލް މަންޞޫރު ޢަލީއެވެ. މި ކޯހުގެ ތިއަރީ ސެޝަންތައް ކުރިއަށް ގެންދިޔައީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ހއ. ވަށަފަރުގައެވެ.

 

ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ފުރިހަމަ ކުރި ބައިވެރީންނަށަށް ސެޓްފިކެޓާއި ޕަޑީ ލައިސަންސް ޙަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރު، މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫނާއި، އަތޮޅު ކައުންސިލްގެ މެންބަރު، ވަށަފަރު ކައުންސިލްގެ ރައީސް އަޙްމަދު މުޢީނާއި މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ޑޮކްޓަރ ޢަމްޒަތު އަޙްމަދެވެ. އަދި މި ކޯސް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ޑޮކްޓަރ ޢަމްޒަތު އަޙްމަދެވެ.