އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ދިނުމަށް ތަކަންދޫ ކައުންސިލާއެކު އެހީދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

އަތޮޅު ކައުންސިލްގެ މާލިއްޔަތުން 2023 ވަނަ އަހަރު  މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވުނު ހަތް ރަށުގެ ތެރެއިން ތަކަންދޫ ކައުންސިލާ އެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް ދޫކުރަކީ  100,000  (އެއްލައްކަ ރުފިޔާ) އެވެ.

2023 ޖުލައި 25 ވަނަ ދުވަހު ވަނީ މާލީ އެހީދިނުމުގެ އެއްބަސްވުމުގައި އުލިގަން، މޮޅަދޫ، ފިއްލަދޫ އަދި މުރައިދޫ ކައުންސިލާއި އެކު ސޮއިކުރެވިފައެވެ . އަދި 2023 އޮގަސްޓް 01 ވަނަ ދުވަހު ކެލާ ކައުންސިލްއާއި އެކު މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.

މީގެ ފުރަތަމަ ބުރުގައި، 2022 ވަނަ އަހަރު އަތޮޅު ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން ވަނީ 7 ރަށަކާއެކު އަތޮޅު ކައުންސިލްގެ މާލިއްޔަތުން އެހީ ދޫކުރުމަށް އެއްބަސްވެފައެވެ. އެއީ ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ.

މިއީ، އަތޮޅު ކައުންސިލުގެ 4 ދައުރުގެ 71 ވަނަ އާއްމު ބައްދަލުވުމުން ނިންމައިގެން ހއ. އަތޮޅު ރަށު ކައުންސިލްތަކާއި، ހއ. އަތޮޅު ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި، އަދި ހއ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްޢިއްޔާތަކުން ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކަށް ދޫކުރެވުނު މާލީ އެހީތެރިކަމެކެވެ.