މި ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ރެކްރޫޓްމަންޓާއި ސީ.އެސް. ވިއުގަ ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ
މި ކައުންސިލާއި ސިވިލް ސަރވިސް ކޮމިޝަން އިންސްޓިޓިއުޓް ގުޅިގެން ރެކްރޫޓްމަންޓާއި ސީ.އެސް. ވިއުގަ ތަމްރީން ޕްރޮގްރާމެއް މިއަދު ފެށިއްޖެއެވެ. ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި މިއަދު ހެނދުނު 9:45 ގައި ފެށުނު މި ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ރައީސްގެ ވާހަކަފުޅުގައި މިފަދަ ތަމްރީން ޕްރޮގްރާމެއް ބޭއްވުމުގެ މަޤްޞަދަކީ ވަޒީފާއަށް ކުރިމަތިލާ މީހާއަށް ވީހާ ވެސް އަވަހަށް ވަޒީފާތައް ހަމަޖެއްސުމަށް މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަމްރީނު ކުރުވުމާއި ހއ. އަތޮޅަކީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އަތޮޅަކަށް ވެގެންދިއުންކަން ފާހަގަ ކުރެއްވިއެވެ. ރައީސްގެ އިތުރުން މި ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް ވެސް ވާހަކަ ދެއްކެވިއެވެ. އެސް.ޖީގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއް ހިންގެވުމަށް ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުން ނިންމެވުމަކީ ސިއްޚީ ދާއިރާގައި މީހުން ބިނާކުރުމަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތު ކަމެއް ކަމަށެވެ. އަދި އެސްޖީގެ ވާހަކަ ފުޅުގައި މިފަދަ ޕްރޮގްރާމެއް ހިންގެވުމަށް ކައުންސިލުން ނިންމެވީތީ އެ ބޭފުޅުންނަށް ޝުކުރު ދެންނެވިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ މި އަތޮޅުގެ ސިއްޚީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި މި އަތޮޅުގެ 11 ރަށެއްގެ ސިއްޚީ މަރުކަޒުތަކުގެ 18 މުވައްޒަފުންނާއި ، އަތޮޅު ހޮސްޕިޓަލްގެ އިދާރީ މުވައްޒަފުންގެ އިތުރުން ދިއްދޫގައި ހުރި ސަރުކާރު މުވައްސަސާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް 17 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ތަމްރީން ޕްރޮގްރާމް ކިޔަވައިދެއްވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ހިއުމަން ކެޕިޓަލް މެނޭޖުމަންޓް އެގްޒެކްޓިވް ސުވައިދާ އަޙްމަދާއި އެމްޕްލޯއީ ރިލޭޝަން އެގްޒެކްޓިވް ޢަބްދުﷲ ޝަމްމޫންއެވެ.