މުވައްޒަފުންގެ މަސައްކަތު އަގުވަޒަންކޮށް ހަނދާނީ ފިލާ ދެއްވައިފި

ހއ. އަތޮޅު ކައުންސިލް އިދާރާއަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވައިފިއެވެ.

ހއ. އަތޮޅު ސްޓޭޓްހައުސްގައި ބޭއްވުނު މި ޙަފުލާ ޝަރަފްވެރި ކޮށްދެއްވީ ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ، އަދި މިއަތޮޅުގެ އަތޮޅުވެރިކަން ދިގުމުއްދަތެއްގައި ކުރައްވާފައިވާ އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނެވެ. މިހަފުލާގައި އަތޮޅު ކައުންސިލްގެ ރައީސާއި މެމްބަރުންނާއި ކައުންސިލްގެ ވެރިންނާއި މުވައްޒަފުންނާއި ދިއްދޫގައި ހުންނަ އިދާރީ އިސް އޮފީސްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހަތަރު ގިންތިއަކަށް ބަހާލައިގެން ހަނދާނީ ފިލާދެއްވި މިހަފުލާގައި 20 އަހަރާއި 25 އަހަރާ ދެމެދު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި 25 އަހަރާއި 30 އަހަރާއި ދެމެދު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި 30 އަހަރާއި 35 އަހަރާ ދެމެދު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި 35 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތް ކުރެއްވި ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގެ ތިންވަނަ ދައުރު ނިންމަވާ އަތޮޅު ކައުންސިލާ މުޅިން ވަކިވެ ވަޑައިގަންނަވާ ކައުންސިލަރުންނަށްވެސް މި ހަފުލާގައި ހަނދާނީފިލާ ދެއްވިއެވެ. ހަނދާނީފިލާ ލިބިލެއްވި ކައުންސިލަރުންގެ ތެރޭގައި އެންމެ ފުރަތަމަ ދައުރުން ފެށިގެން ވޭތުވެދިޔަ ދިހަވަރަކަށް އަހަރު މެދުނުކެނޑި އަތޮޅު ކައުންސިލަށް ޚިދުމަތް ކުރެއްވި ކައުންސިލަރުންވެސް ހިމެނި ވަޑައިގަންނަވައެވެ.

ކައުންސިލްގެ ނައިބު ރައީސް ހަނދާނީ ފިލައާ ހަވާލުވެލައްވަނީ

މި ހަފުލާގައި ކައުންސިލަރުންގެ ޝުޢޫރު ފާޅުކުރެއްވުމާއި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކުފުޅު ދެއްކެވުން އޮތެވެ. ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަފީޤްގެ ވާހަކަފުޅުގައި ކައުންސިލްގެ ހަޔާތުގައި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކާއި ނަތީޖާތަކުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ. މިގޮތުން އަތޮޅު ރައްޔިތުންނަށް ލިބިދޭންޖެހޭ ޢާންމު ޚިދުމަތް ހޯދަން މާލެނުގޮސް އަތޮޅުން އެޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމުގައި އެކިދައުރުތަކުގައި ކައުންސިލަރުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށާއި އަދި އެމަސައްކަތް ރައްޔިތުންނަށް ފޯރުކޮށް ދެއްވުމުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، ހއ. އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ނުފޫޒެއްނެތި ހިތްހެޔޮކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ރޫހުގައި ކަމަށާއި، އަދި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާ ކައުންސިލަރުންނަކީ ތަފާތު ފިކުރުތަކުގެ ބޭފުޅުން ކަމުގައި ވީނަމަވެސް އިދާރީގޮތުން އޮފީސް ހިންގުމުގައި ސިޔާސީ އެއްވެސް ފިއްތުމެއް މިހާތަނަށް އައިސްފައި ނުވާކަން އުފަލާއެކު ފާހަކޮށް އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ކައުންސިލްގެ މުވައްޒަފު ހަނދާނީ ފިލައާ ޙަވާލުވަނީ

މިހަފުލާގައި، އަންނަމަހުން ފެށިގެން އަތޮޅު ކައުންސިލާ ވަކިވެ ވަޑައިގަންނަވާ ފަސް ކައުންސިލަރުންވެސް އެބޭފުޅުންގެ ޝުޢޫރު ފާޅުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ހއ. އަތޮޅު ކައުންސިލް އިދާރާގައި އެބޭފުޅުންނަށް މަސައްކަތް ކުރައްވަން ލިބިވަޑައި ގެންނެވުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މިހާތަނަށް ލިބުނު ތަޖުރިބާ ތަކަށް ބަލާއިރު އޮފީހެއް ހިންގުމުގައި ހއ. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަކީ ވެރިންނަށް އިޙުރިރާމްކުރާ، ހިތްހެޔޮ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރައްވާ ނަމޫނާ މުވައްޒަފުންތަކެއް އުޅެމުންދާ ތަނެއްކަމަށް ވިދާޅުވިއެވެ.

މި ހަފުލާގެ ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅު ބިނާކުރެއްވީ މިހާރު މިދެކޭ ލާމަރުކަޒީ ނިޒާމު ނޫނަސް މާކުރީގެ ތާރީޚްތަކުގައި ލާމަރުކަޒީ އުސޫލެއް އޮވެގެން ރަށްރަށް ހިންގަމުންއައި ގޮތުގެ މައްޗަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި 1958 ން ފެށިގެން 1964 އާ ހަމައަށް ރަށްރަށް ހިންގަމުންއައީ އެދުވަސްވަރަށް އެކަށީގެންވާ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންކަމަށެވެ. އެގޮތުން ރަށުގެ ކަތީބުންގެ ބަދަލުގައި އޭރުގައި ތިއްބަވަނީ ޚަތީބުން ކަމަށާއި އެބޭކަލުންނާ ހަމައިން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ޟަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ހޯދައި ދެނީ ރަށްރަށުގެ ކާޑުގެ އުފައްދައި އެތަންތަނުން ކަމަށާއި، މިދެންނެވި ތަކެތި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔައީ މައި ސަރުކާރުން މާބޮޑު އަޅާލުމެއް ނެތި ކަމަށް ވިދާޅުވިއެވެ.

އަދި އޭރު ޚަތީބުންނަށް މުސާރަދެނީ ރައްޔިތުން މަހަށްގޮސް ގެންނަ މަސްބައިން ބައެއް ދީގެންކަމަށާއި ވެރިންގެ އޮފީސް ހިންގުންފަދަ މިސްކިތް ބެލެހެއްޓުމާއި މަދްރަސާތައް ހިންގުމުގައިވެސް ރައްޔިތުންގެ އިސްދައުރު އޭރު ވަރަށްބޮޑުކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.