އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތިމަތު ރަޝީދާ ރިޓައަރ ކުރައްވައިފި

ސަރުކާރަށް 36 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ހއ. އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ފާތިމަތު ރަޝީދާ 28 ފެބުރުއަރީ 2021 ގައި ރިޓައަރ ކުރައްވައިފިއެވެ.

އަލްފާޟިލާ ފާތިމަތު ރަޝީދާ ރިޓައަރ ކުރެއްވުމާ ގުޅިގެން ޚިދުމަތުގެ އަގު ވަޒަން ކުރައްވާ އަތޮޅު ކައުންސިލުންވަނީ ހަނދާނީފިލާ ދެއްވާފައެވެ. ހަނދާނީ ފިލާ ދެއްވީ މިކަމަށްޓަކައި ބޭއްވުނު ހަފުލާގައި، ޝަރަފްވެރި މެހްމާން އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނެވެ.

އަލްފާޟިލާ ފާތިމަތު ރަޝީދާ 32 އަހަރަށްވުރެ ގިނަދުވަހު އަތޮޅަށް ޚިދުމަތް ކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާތާ މިހާތަނަށް 36 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ފާތުމަތު ރަޝީދާ އެންމެ ފުރަތަމަ އަތޮޅުއޮފީހާ ގުޅިވަޑައިގެންނެވީ 22 ސެޕްޓެމްބަރ 1983 ގައެވެ. އޭގެފަހުން މެދުކެނޑުމެއް އައުމަށްފަހު ދެވަނަ ފަހަރަށް ގުޅިވަޑައިގެންނެވީ 18 ޖުލައި 1988 ގައެވެ. އެއީ އޭރުގެ އަތޮޅުއޮފީހުގެ ކާތިބުކަމުގެ މަޤާމަށެވެ. އަލްފާޟިލާ ފާތިމަތު ރަޝީދާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އަތޮޅުއޮފީހުގެ ކާތިބުކަމާއި، ސީނިޔަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ. ރިޓައަރ ކުރެއްވިއިރު ހުންނެވީ އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައެވެ.

މީގެއިތުރުން ފާތުމަތު ރަޝީދާ ވަނީ ރައްޔިތުންގެ މަޖިލިސްކުރާގޭގެ ކާތިބު ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ 1 ނަމްބަރ ކާތިބުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.