ބައިނަލްއަގުވާމީ ފިރިހެނުން ދުވަސް ހއ. އަތޮޅު ކައުންސިލްގައި ފާހަކޮށްފި

ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި ހއ. އަތޮޅު ކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންގެ ފަރާތުން ފިރިހެން މުވައްޒަފުންނަށް ހެނދުނުގެ ނާސްތާ ދެއްވައިފިއެވެ. މިއީ އަންހެން މުވައްޒަފުން ވަރަށް ދުރާލާ ތައްޔާރުވުމާއެކު ފިރިހެން މުވައްޒަފުންނަށް މާބޮޑު އެނގުމަކާނުލާ ދެއްވި ފުރިހަމަ ނާސްތާއެކެވެ.

މަޢުލޫމާތު ލިބުނު ގޮތުގައި މިހަފުލާގައި ބޭނުންކުރެވުނު ކާބޯތަކެތި ފިޔަވައި އެހެނިހެން ތަކެއްޗަކީ މިކަމަށްޓަކައި ރާއްޖެއިން ބޭރުން ގެނެވިފައިވާ ތަކެއްޗެވެ. އެންމެ ކުޑަމިނުން ފިރިހެން މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި ދިއްކޮށްލެވުނު މަލަކީވެސް ބޭރުން ގެނެސްފައިވާ އެއްޗެކެވެ. އަދި މި ހަފުލާގައި ބޭނުންކުރި ޓިޝޫއަކީވެސް ތީމާ އެއްކުލަވާ ގޮތަށް ރާއްޖޭން ބޭރުން ގެނެސްފައިވާ ޓިޝޫތަކެކެވެ.

މިހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވީ ހއ. އަތޮޅު ކައުންސިލްގެ އަންހެން މުވައްޒަފުންނަކީ ވަރަށް އެކުވެރި މާހައުލެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހިތްހެޔޮ އިޚްލާސްތެރި މުވައްޒަފުން ތަކެއްކަމަށެވެ. އަދި މިއީ ނަމޫނާ އޮފީހެއްކަމަށާއި އަންހެން މުވައްޒަފުންގެ އިސްނެންގެވުމާއެކު ނާސްތާ ދެއްވީތީ އެކަނބަލުންނަށް ޝުކުރު އަދާކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.