އަތްތެރި މަސައްކަތުގެ މައުރަޒުން ހއ. އަތޮޅު ހެއްވާލައިފި

މި ނޮވެމްބަރ މަހުގެ 22 ން 29 އަށް ކުރިއަށްދާ ދިވެހި މަސައްކަތްތެރިކަމުގެ މަޢުރަޒުން ހއ. އަތޮޅަށް އުފާވެރިކަމުގެ ވަނައެއް ލިބިގެން ހިނގައްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޅި މަޢުރަޒުގައި ބައިވެރިކުރި ލަކުޑިން އުފައްދާފައިވާ ތަކެތީގެ ބައިން ރާއްޖޭގެ އަތޮޅުތަކުން އެއްވަނަ ލިބުނީ ހއ. އަތޮޅަށެވެ. އަދި ލަކުޑީގެ ބައިތަކާއި ތެދުއުއި ވަޑާމުގެ ބައިތަކުންވެސް ހއ. އަތޮޅަށް ފަޚުރުވެރި ވަނަތަކެއް ލިބިފައިވެއެވެ.

ލަކުޑީގެ ބައިން ތަކެތި އުފެއްދުމާއި ތެދުއި ވަޑާމުގެ ބައިން މުޅި ރާއްޖެއިން އެއްވަނަ ލިބިފައިވަނީ، ޔުނިވަރސިޓީ، ސްކޫލް ، މަދްރަސާތަކުން ހއ. އިހަވަންދޫ ސްކޫލަށެވެ. އަދި ތެދުއުއި ވަޑާމުގެ ބައިން މުޅި ރާއްޖެއިން ދެވަނަ ލިބިފައިވަނީ ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. މީގެއިތުރުން ވަރަށް މަދުންނޫނީ ނުލިބޭ ކަޅުކަނދުން ތައްޔާރުކޮށްފައިވާ ކަޅުއޮއްފުންމީގެ މޮޑެލްއަށް ތައްޔާރުކޮށްފައިވާ ދިވެހިވަންތަ ދޯންޏަށް އެހެނިހެން ކެޓަގަރީގެ ބައިން 2 ވަނަ ލިބިފައިވެއެވެ. މި މޮޑެލް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ހއ. ކެލާ ބޮޑުގެ އަލްފާޟިލް ސަޢީދު މޫސާމަނިކެވެ.

މި ފުރުސަތުގައި މަޢުރަޒުގައި ތަކެތި ބައިވެރިކުރެއްވި ހއ. އަތޮޅުގެ ހުރިހާ ފަރާތްތަކަށް އަތޮޅު ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރަމެވެ.

މި މަޢުރަޒުގައި ލަކުޑިން ބައިވެރިކުރި ތަކެތީގެ ތެރޭގައި އުޅަނދުފަހަރާއި ސަފާރީއާއި ލިއެލާޖެހި ތަކެތި ހިމެނެއެވެ.