ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތުގެ- 2023 ގެ 1 ވަނަ ދިއްދޫ

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތަށް ހއ. އަތޮޅު ކައުންސިލް ތަމްސީލްކުރާނެ ބައިވެރިން ހޮވުމަށް ބޭއްވި ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ނިންމައި އެ މުބާރާތުގެ ނަތީޖާ އިއްޔެ ފާޅުކޮށްފިއެވެ.

މާރަންދޫ ސްކޫލު ހޯލުގައި އިއްޔެ ހެނދުނު 09:00 ގައި ބޭއްވުނު  ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަޢުލަތަށް ގިނަދުވަހު ޚިދުމަތްތަކެއް ކޮށްދެއްވި ޢިއްޒަތްތެރިއެއްކަމަށްވާ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމް ޢަބްދުއްރަޙްމާން) އެވެ.  މި ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި  މި މުބާރާތުގައި މި އަހަރު ހއ. އަތޮޅުގެ 13 ރަށަކުން 108 ފަރާތެއް ބައިވެރިވިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި 36 ބައިވެރިންނާއި ހއ.އަތޮޅުގެ ސްކޫލްތަކުގެ ނަމުގައި ވާދަކުރި 72 ދަރިވަރުންނެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރުމަށް 24 ދަރިވަރުން ހޮވިފައި ވެއެވެ. މި ދަރިވަރުންނަށް އަތޮޅު ކައުންސިލްގެ ފަރާތުން ދޭ ދެކޮޅު ޓިކެޓް ޙަވާލުކޮށްދެއްވާފައިވަނީ ހއ. މާރަންދޫ ކައުންސިލްގެ ނާއިބު ރައީސާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް ގެ އިތުރުން ރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާން އާދަމް ޢަބްދުއްރަޙްމާންއެވެ.

މުޅި މުބާރާތުން 3 ވަނަ ޙާޞިލްކޮށްފައިވަނީ ހއ.މާރަންދޫ ސްކޫލްގެ ދަރިވަރު ހއ. މާރަންދޫ ސޯސަންގެ ޟަމްޟަމް ޢަބްދުﷲ އާދަމެވެ. މުޅި މުބާރާތުން 2 ވަނަ ޙާޞިލްކޮށްފައިވަނީ ހއ.ކެލާ، ނަޔާއަންދާޒުގެ ފާޠިމަތު ރިފްޢާ ރުޝްދީއެވެ. މުޅިމުބާރާތުގެ ފަޚުރުވެރި 1 ވަނަ ޙާޞިލްކޮށްފައިވަނީ ހއ.އިހަވަންދޫ، ދޭލިޔާގެ ޔަޢިޝާ ޔާސިރު އިބްރާހިމެވެ.

މުޅި މުބާރާތުން 1 ވަނައަށް ހޮވޭ ދަރިވަރަށް އަލް ހިޖްރާ އެންޑް ޓްރެވަލްސް އިން ސްޕޮންސާކޮށްފައިވާ ޢުމުރާ ދަތުރު ލިބިފައިވަނީ މި މުބާރާތުން 1 ވަނަ އަށް އައިސްފައިވާ ހއ.އިހަވަންދޫ ސްކޫލުގެ ދަރިވަރު ދަރިވަރު ޔަޢިޝާ ޔާސިރު އިބްރާހިމަށެވެ.

މި މުބާރާތުގައި ބައިވެރިވި ރަށްރަށުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ރަށް ވެސް ވަނީ ހޮވާފައެވެ. އެގޮތުން މުޅި މުބާރާތުން 1 ވަނަ ރަށެއްގެ ގޮތުގައި ހޮވިފައިވަނީ ހއ.ދިއްދޫއެވެ. 2 ވަނަ ރަށަކަށް ހޮވިފައިވަނީ ހއ.އިހަވަންދޫއެވެ.  3 ވަނަ ރަށަކަށް ހޮވިފައިވަނީ ހއ.ކެލައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުދައްރިސުން ކަމުގައިވާ އަލްޙާފިޡާ ލަޠީފާ އަޙްމަދާއި، އަލްޙާފިޡާ ނާޝިދާ މުޙައްމަދާއި އަލްޙާފިޡް މުޙައްމަދު އަޙްމަދެވެ.

މި މުބާރާތަކީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމުގެ މާތް މަޤްޞަދުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.