ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް މިއަދު ފެށިއްޖެ
ހއ.އަތޮޅު ރަށްރަށަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހއ.އަތޮޅު ޤުރްއާން މުބާރާތް މިއަދު ހއ. މާރަންދޫގައި ފެށިއްޖެއެވެ. މި އަހަރު ޤުރުއާން މުބާރާތް ބާއްވަނީ ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތުގެ ނަމުގައެވެ. މާރަންދޫ ސްކޫލު ހޯލުގައި މިއަދު ހެނދުނު 08:30 ގައި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މުބާރާތް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ. މި ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު ހއ. އަތޮޅުގެ 13 ރަށަކުން 108 ފަރާތަކުން ބައިވެރިވެއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 36 ފަރާތަކާއި ހއ.އަތޮޅުގެ ސްކޫލްތަކުން ވާދަކުރާ 72 ދަރިވަރުންނެވެ. މި މުބާރާތް ބޭއްވެނީ ރަށު ކައުންސިލްތަކުން އޮޑިޝަނެއް ނުވަތަ މުބާރާތެއް ބާއްވައި އެ އެ އޮޑިޝަނުން ނުވަތަ މުބާރާތުން ހޮވިގެން އެ ރަށެއް ތަމްސީލުކުރާ ބައިވެރިންގެ މެދުގައެވެ.
މި މުބާރާތަކީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމުގެ މާތް މަޤްޞަދުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެފަހުން ބޭއްވުނު އަތޮޅު ޤުރްއާން މުބާރާތް ބާއްވާފައިވަނީ ހއ.ދިއްދޫގައެވެ.
އަދި މި މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤަޢުމީ ޤުރްއާން މުބާރާތައް ބަލައިގެން ކިޔެވުމުގެ ގޮފީގައާއި ނުބަލައި ކިޔެވުމުގެ ގޮފީގައި ހއ.އަތޮޅު ކައުންސިލާއި ހއ.އަތޮޅުގެ ކްލަބް ޖަމިއްޔާތައް ތަމްސީލްކުރާ ބައިވެރިން ހޮވުމަށް ބޭއްވޭ މުބާރާތެކެވެ.