ހއ. އަތޮޅު ކައުންސިލުން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ތަޖުރިބާ ދަތުރެއް ކުރަމުން އެބަގެންދޭ

ހއ. އަތޮޅު ކައުންސިލުން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ތަޖުރިބާ ދަތުރެއް ފަށައިފިއެވެ. މި މަހު 7 ން 16 އަށް  ކުރާ މި ދަތުރުގައި ކައުންސިލްގެ ރައީސް މޫސާޝަފީޤް، ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ޞަބާޙް، އަދި 11 މެންބަރުންނާއި އިދާރީ ބައެއް މުވައްޒަފުން ބައިވެރިވެއެވެ. ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ މި ދަތުރުގެ މަޤުޞަދަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްބަޔަކު، އަނެއްބަޔަކު ޢަމަލުކުރާގޮތް ބަލައި ދެ ފަރާތުގެ ދެމެދުގައި ތަޖުރިބާ ހިއްސާކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ، މީގެ އިތުރުން ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ހއ. އަތޮޅު ކައުންސިލުން ކުރާ ތަޖުރިބާގެ މި ދަތުރުގައި ފުރަތަމަ މަންޒިލަކީ ފުވައްމުލަކު ސިޓީއެވެ. ފުވައްމުލަކު ސިޓީއަށް ޒިޔާރަތް ކުރުމުން އެ ސިޓީން ވަނީ ހއ. އަތޮޅު ކައުންސިލްގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އަތޮޅު ކައުންސިލްގެ ޓީމް ފުވައްމުލަކު ސިޓީއާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކޮށް އެބޭފުޅުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް އެކި ކަންކަމުގައި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލު ކުރެވިފައިވެއެވެ.

 

އަތޮޅު ކައުންސިލްގެ ދެވަނަ މަންޒިލަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީން އަތޮޅު ކައުންސިލްގެ ޓީމަށް މަރުޙަބާ ދެންނެވީ ފޭދޫ އަވަށު އޮފީހުންނެވެ.  މި ދަތުރުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް އެ ސިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި އެސިޓީގެ މެންބަރުންނާއެކު މަޝްވަރާ ކުރުން އޮތެވެ. މީގެ އިތުރުން އައްޑޫގެ އަވަށު އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބަލައި ތަޖުރިބާ ހިއްސާކުރެވިފައިވެއެވެ. އަދި އައްޑޫ ސިޓީގެ ފޭދޫ ސްކޫލްގެ ދަޢުވަތަކަށް މި ޓީމް އެ ސްކޫލަށް ޒިޔާރަތްކޮށް އެ ސްކޫލުގެ ސީނިއަރ މެނޭޖުމަންޓާ ބައްދަލުކޮށް މަޝްވަރާކުރުން އޮތެވެ.