ހއ. އަތޮޅު ކައުންސިލްގެ އެންމެ ރަނގަޅު މުވައްޒަފަށް ޢުމުރާ ދަތުރެއް
2022 ވަނަ އަހަރު އެމްޕްލޯއީ އޮފް ދި އިޔަރ ހޮވައިފިއެވެ. މިކަން ކުރިއަށް ގެންދިޔައީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި އޮތް ހއ. އަތޮޅު ދުވަސް ފާހަގަކުރުމަށް ބޭއްވި ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.
މިއީ، މުވައްޒަފުންގެ މެދުގައި މަސައްކަތު އަޚްލާގާއި ވައްޓަފާޅި އަށަގެންނެވުމާއި ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާއި އަދި އުފެއްދުންތެރި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުން ފާހަގަކޮށް އެފަދަ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން 2022 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ ޙަރަކާތެކެވެ.
2022 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދި އިޔާއަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންނަކީ ސަޕޯޓް ސްޓާފް ކެޓެގަރީން ކައުންސިލް އެސިސްޓެންޓް ލަޠިފާ ޢަބްދުﷲ އާއި ސަޕޯޓް އޮފިސަރ ކެޓެގަރީން ކައުންސިލް އޮފިސަރ އަސްމާ އަބޫބަކުރާއި އެގްޒެކެޓިވް ކެޓެގަރީން ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުﷲ ޝަފީޤެވެ. މި ތިން މުވައްޒަފުންގެ ތެރެއިން 2022 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދި އިޔާރ އަށް ހޮވިފައިވާ މުވައްޒަފަކީ ކައުންސިލް އެސިސްޓެންޓް ލަޠީފާ ޢަބްދުﷲއެވެ.
2022 ވަނަ އަހަރު އެމްޕްލޯއީ އޮފް ދި އިޔާރ އަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންނަށްވަނީ ސެޓްފިކެޓާއި ފައިސާގެ އިނާމް ދީފައެވެ. އެމްޕްލޯއީ އޮފް ދި އިޔާރ އަށް ހޮވިފައިވާ މުވައްޒަފަށްވަނީ އެވޯޑާއި ޢުމްރާ ދަތުރެއް ދެއްވާފައެވެ. ތިލައުތުރު އެވޯޑް ރަސްމިއްޔާތުގައި މި އެވޯޑްތައް ޙަވާލުކޮށްދެއްވާފައިވަނީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަޙީދެވެ.
1994 ވަނަ އަހަރު ޑިސެންބަރު 12 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅިވަޑައިގެންނެވި ލަޠިފާ ޢަބްދުﷲ އަކީ ޚިދުމަތުގައި މެދުނުކެނޑި 28 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކަރުއްވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމި ހުންނެވި މުވައްޒަފެކެވެ. މަސައްކަތް ކުރެއްވުމުގައި ލަޠީފާ ޢަބްދުﷲ ފާހަގަ ކުރެވެނީ މަސައްކަތުގައި އިސްނަގާ އަދި ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކޮށް ނިންމަން މަސައްކަތްކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި އޮފީހުގެ ވެރިންނަށާއި އެހެން މުވައްޒަފުންނަށް އިޚްތިރާމްކުރާ މުވައްޒަފެއްކަން ފާހަގަކޮށްލެވެއެވެ.