ހއ. އަތޮޅުގެ ސްކޫލުތަކަށް ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. އަތޮޅުގެ ސްކޫލުތަކަށް ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 2023 މާރިޗު 20 ވަނަ ދުވަހު މި އަތޮޅުގެ 13 ސްކޫލަކާއި މިކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ކައުންސިލުން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ. ތުރާކުނު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އެވެ. މޮޅަދޫ ސްކޫލާ މި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގައި ފަހުގެ ތާރީޚެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. އަތޮޅުގެ ސްކޫލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތުގައި، މާލީ އެހީތެރިކަމަށް އެދުނު މި އަތޮޅުގެ 14 ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލަކަށް 10,000.00 (ދިހަ ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ތުރާކުނު ސްކޫލާއި، މޮޅަދޫ ސްކޫލާއި، އުލިގަމު ސްކޫލާއި، ހއ. އަތޮޅު މަދަރުސާއާއި، އިހަވަންދޫ ސްކޫލާއި، ޝައިޚް އިބްރާހީމް ސްކޫލާއި، ވަށަފަރު ސްކޫލާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ފިއްލަދޫ ސްކޫލާއި، މާރަންދޫ ސްކޫލާއި، ޝަހީދު ޢަލީތަކުރުފާނު ސްކޫލާއި، ޣާޒީ ބަންޑާރައިން ސްކޫލާއި، މުރައިދޫ ސްކޫލު އަދި ބާރަށު ސްކޫލެވެ.

ސްކޫލްތަކުން ހިންގާ ސްޓަޑީ ކޭމްޕަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 75 ވަނަ ޢާންމު ބައްދަލުވުމުން ނިންމައި 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވެއެވެ. މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްސަދަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.