ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

މި ކައުންސިލުން އިންތިޒާމް ކޮށްގެން “އެސް.ޓީއޯ ތިލައުތުރު ފުޓްސަލް މުބާރާތް 2022” ނަމުގައި ފުޓްބޯޅަ  މުބާރާތެއް އިއްޔެ ފަށައިފިއެވެ. މި ކައުންސިލާއި އުތީމު ކައުންސިލް ގުޅިގެން ބާއްވާ މި މުބާރާތް ކުރިއަށް ދާނީ މިހިނގާ ޖަނަވަރީ 20 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ. 10 ޓީމް ބައިވެރިވާ މި މުބާރާތް ކުޅެމުންގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

 

ގްރޫޕް އޭގައި ހިމެނެނީ ވަށަފަރު ކައުންސިލް، ކެލާ ކައުންސިލް، ތުރާކުނު ކައުންސިލް، ފެނަކަ މުރައިދޫ ބްރާންޗު، އިހަވަންދޫ ކައުންސިލްގެ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ އުތީމު ކައުންސިލް، ފެނަކަ ދިއްދޫ ބުރާންޗް، އެމް.ޑަބުލިޔު. އެސް.ސީ މާރަންދޫ ސައިޓް، ފިއްލަދޫކައުންސިލް އަދި ބާރަށުކައުންސިލްގެ ޓީމެވެ.

 

މިކައުންސިލުން މިފަދަ މުބާރަތެއް ބޭއްވުމުގެ މަޤުޞަދަކީ ހއ އަތޮޅުގެ މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާއީ ގުޅުން ދެމެހެއްޓުމާއި، މުވައްޒަފުންގެ ހިތްތަކުގައި ކުޅިވަރުގެ ރޫޙް ދިރުވައި އާލާކުރުމާއި އަތޮޅުގައި ހުނަވުރި ކުޅުންތެރިން އުފެއްދުމެވެ.

 

މި މުބާރާތް ކުރިޔަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން ގްރޫޕަކުން އެއްވަނަ އާއި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

 

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000.00 ރުފިޔާ، ރަނަރއަޕް ޓީމަށް 15000.00 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް 10000.00 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ.