ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ހއ. އަތޮޅު ކައުންސިލްގައި ގާއިމުކޮށް ޚިދުމަތް ފެށުމާގުޅޭ ފަހުމުނާމާގައި ސޮއިކޮށްފި.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ހއ. އަތޮޅު ކައުންސިލްގައި  ގާއިމުކޮށް ޚިދުމަތް ފެށުމާގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު  10:00ގައި މި ކައުންސިލްގައެވެ. މި ފަހުމުނާމާގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަޙްމަދު މިޒުހަތު ނަޢީމެވެ. މި ކައުންސިލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

މި ރަސްމިއްޔާތުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ދެއްކެވި ވާހަކަ ފުޅުގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށްޓަކައި، ހުށަހެޅޭ މައްސަލަތައް ގާތުންބަލައި އަވަސް ފިޔަވަޅުތަކެއް އެޅޭނެ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ.  ކައުންސިލްގެ ރައީސް މޫސާ ޝަފީޤްގެ ވާހަކަފުޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ކައުންސިލް މެދުވެރިކޮށް ރައްޔިތުންނާ ގާތުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ މި އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހައެއް ކަމުގައި ފާހަގަކުރެއްވިއެވެ. މި ޑެސްކުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ވަޒީފާއާބެހޭ މައްސަލަތައް ބެލުމާއި، ވަޒީފާދޭ ތަންތަން ބެލުމާއި، ސަރވިސް ޗާޖާ ބެހޭ ޤަވާޢިދާ، މިނިމަމް ވޭޖް ތަންފީޒުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކައުންސިލްގައި ގާއިމުކުރެވޭ ޑެސްކުގައި މަސައްކަތް ކުރުމަން ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވަރަށް އަހަވަށް ފެށިގެންދާނެ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.