އަތޮޅު ޤުރްއާން މުބާރާތް 1444 އަންނަ ސެޕްޓެމްބަރ މަހުގައި ބާއްވަނީ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 53 ވަނަ ޢާންމު ބައްދަލުވުމުން ނިންމައިފިއެވެ. މި މުބާރާތް އޮންނާނީ އަންނަ ސެޕްޓެމްބަރ 22 ން 25 ގެ ނިޔަލަށެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ކީ. ސްޓޭޖްގެ 1، 2، 3، 4، 5 ގެ ދަރިވަރުންނެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެބައި ކުރިއަށްދާނެއެވެ.

ރަށު ފެންވަރުގައި ބާއްވާ އޮޑިޝަނުން ހޮވާލެވޭ ކުދިންގެ މެދުގައި ބާއްވާ މި މުބާރާތުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ ޤްރުއާން ކިޔެވުމުގެ މުބާރާތުގައިވެސް ޢަމަލުކުރަމުން ގެންގޮސްފައިވާ ޤަވާޢިދާ އެއްގޮތަށްކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގައެވެ.

އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ޤްރުއާން މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ހއ. އަތޮޅު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި އެކުދިންނަކީ ދީނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ހެދުމެވެ.