ހއ. އަތޮޅުގެ ރަށުކައުންސިލްތަކަށް އެޗް.އާރު ސޮފްޓްވެއަރ އަތޮޅު ކައުންސިލުން ގަނެދީފި

ތިލަދުންމަތީ އުތުރުބުރީ ރަށްރަށުގެ ރަށުކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ އިދާރީ ގިނަ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީ އެހީގައި ކުރެވޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން މުޅިން އަލަށް ތަޢާރަފުކުރެވޭ އެޗް.އާރު ސޮފްޓްވެއަރއަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް މި ހިގާ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ އަތޮޅުގައި ކުރިއަށް ގެންދަނީ، ސޮފްޓްވެއަރ އުފެއްދި ކުންފުނީގެ ފަރާތުން ރަށްރަށަށް ގޮސްގެންނެވެ.

މި ސޮފްޓްވެއަރގެ އެހީގައި ރަށުކައުންސިލްތަކާއި މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންކަމާއި މުސާރައާއި އެލަވަންސްތައް ދިނުމާގުޅޭ ކަންކަމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ހާޒިރީއާއި ޖަލްސާތަކުގެ ސިޓީންގ އެލަވަންސްތަކާއި ކައުންސިލްތަކުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުންފަދަ އިދާރީގިނަ މަސައްކަތްތައް ކަރުދާސް ބޭނުންނުކޮށް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި މި ޕްރޮގްރާމްގެ ތެރެއިން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީފަދަ މުހިންމު މަޢުލޫމާތުތައް ރަށުން ބޭރުގައި ހުންނަވައިގެން މުވައްޒަފުންނަށް ބެލޭނެގޮތް ހަމަޖެހިގެން ދާނެއެވެ.

މި މަޝްރޫއަކީ އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގޭ ޓެކްނޮލޮޖީގެ ބޮޑު މަޝްރޫއެކެވެ. މިހާތަނަށް 5 ކައުންސިލެއްގެ މުވައްޒަފުންނަށް މަޢުލޫމާތު ދެވިފައިވެއެވެ. ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮވެއެވެ.

އަތޮޅު ކައުންސިލްގެ އަމާޒަކީ ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައްވެސް މުސްތަގުބަލުގައި ޑިޖިޓަލްކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.