އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލް އިދާރާއިން 2022 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކަނޑައަޅައި، މުވައްޒަފުންގެ ބައްދަލުވުމުގައި ހާމަކޮށްފިއެވެ.

މިހިނގާ 2022 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްތަކަށް ހޯދައި ދިނުމާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް މަސައްކަތާގުޅޭ ދާއިރާއިން ތަމްރީން ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމާއި، ހއ. އަތޮޅު ސްކޫލް މަދްރަސާތަކުން ޘާނަވީ ތަޢުލީމާއި މަތީ ޘާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ފައިސާގެ އިނާމު ދިނުމާއި، އަތޮޅު ޤުރުޢާން މުބާރާތް 1443 ބޭއްވުމާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން އަދަބީ މުބާރާތެއް ބޭއްވުން ހިމެނެއެވެ.

މަތީޘާނަވީ އާއި ޘާނަވީ ތަޢުލީމް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފަރާތްތަކަށް ދެވޭ ފައިސާގެ އިނާމަކީ މީގެ ކުރިންވެސް މި ކައުންސިލުން ދެމުން އަންނަ އިނާމެކެވެ.