ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ހޮވައިފި

ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ ތަމުސީލްކުރާނެ ބައިވެރިން ހޮވުމަށް ބޭއްވުނު އަތޮޅު އޮޑިސަންނިމި މުބާރާތުގައި ވާދަކުރާނެ ބައިވެރިން ހޮވައިފިއެވެ.

ތިލަދުންމަތީ އުތުރުބުރީ 14 ރަށުގެ ސްކޫލްތަކުގެ މެދުގައި މިހިނގާ އޮކްޓޯބަރ މަހު ބޭއްވުނު އޮޑިސަންގައި ޖުމްލަ 217 ކުދިން ވާދަކުރިއެވެ. ބަލައިގެން ކިޔެވުމުގެ ބައިން 20 ކުދިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 10 ކުދިންނާއެކު މިއަތޮޅުން ޖުމްލަ 30 ކުދިން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ވާދަކުރާނެއެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުގެ ބައިން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން 4 ދަރިވަރަކާއި، ހއ. އަތޮޅު މަދްރަސާއިން 6 ދަރިވަރަކާއި، ހއ. އިހަވަންދޫ ސްކޫލުން 6 ދަރިވަރަކާއި، ކެލާ ޝައިޚް އިބްރާހީމް ސްކޫލުން 2 ދަރިވަރަކާއި، ތުރާކުނު ސްކޫލުން 1 ދަރިވަރަކާއި، އުލިގަމު ސްކޫލުން 1 ދަރިވަރަކު ވާދަކުރާއިރު، ނުބަލާ ކިޔެވުމުގެ ބައިން ކެލާ ޝައިޚް އިބްރާހީމް ސްކޫލުން 6 ދަރިވަރަކާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން 4 ދަރިވަރަކު ބައިވެރިވާނެއެވެ.

ކޮވިޑް ހާލަތާ ގުޅިގެން އަތޮޅު އޮޑިސަން ބާއްވާފައިވަނީ ކިޔެވުމުގެ ވީޑިއޯ އަޑު އެއްސެވުމަށްފަހު ފަނޑިޔާރުން ޖަޖްކުރައްވައިގެންނެވެ. ހިތުން ކިޔެވުމުގެ ބައި ކުރިއަށް ގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށް ވަގުތުންނެވެ.