ދިއްދޫ ބިޒްނަސް ސެންޓަރުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
ބައިނަލްއަޤުވާމީ ގޮތުން އޮކްޓޯބަރ 20 ވަނަ ދުވަހު ފާހަގަކުރާ، ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންގެ ދުވަހާ ގުޅިގެން ދިއްދޫ ބިޒްނަސް ސެންޓަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ދިއްދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރައްވާ ބައެއް އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ހިންގަވާ މި ސެޝަންގެ ބޭނުމަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިއްވަރުދީ އެމީހުންގެ ޙައްޤުތައް ހިމާޔަތްކޮށް މިފަދަ މަސައްކަތް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ މަގު ފަހިކޮށް ދިނުމެވެ.
މި ސެޝަންގައި އޮޅުން ފިލުވައި ދެވުނު ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ރަޖިސްޓްރީ ކުރާނެ ގޮތާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރާނެ ގޮތުގާއި ހިސާބުތައް ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތު ދެވުނުކަމަށް ބިޒްނަސް ސެންޓަރުން މަޢުލޫމާތު ދެއްވައެވެ. މި ސެޝަންގައި ބޭންކް އޮފް މޯލްޑިވްސް ދިއްދޫ ބްރާންޗުންވެސް މަޢުލޫމާތު ދެއްވިއެވެ.