ޤައުމީ ދުވަހާ ގުޅުވައިގެން ހިތްވަރު ދިނުމުގެ އިނާމު ދިއްދޫ ކައުންސިލުން ދެއްވައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބޭއްވި 1443 ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތުން 1 ވަނަ ލިބުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށާއި، އައި.ޖީ.ސީ.އެސް.އީ އާއި ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ  އިމްތިޙާނުން ރާއްޖޭގެ ގަދަ 10 ގައި ހިމެނިގެން ދިއްދުއަށް ރީތި ނަން ހޯއްދަވައިދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިއްދޫ ކައުންސިލުން ހިތްވަރު ދިނުމުގެ އިނާމު ދެއްވައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ހަފުލާ ޝަރަފުވެރި ކޮށްދެއްވާ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީގެވެ.

މި ހަފުލާގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަގަފުޅުގައި ” ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބޭއްވޭ މިފަދަ މުބާރާތްތަކުން ރަށަށް ރީތި ނަން ހޯއްދަވައި ދެއްވީތީ ކާމިޔާބު ހާސިލްކުރެއްވި ދަރިވަރުންނަށާއި ދަރިވަރުންގެ ބެލެނިވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިއްދޫ ކައުންސިލުން މިކަން ފާހަގަ ކުރެއްވީތީ ދިއްދޫ ކައުންސިލްގެ ރައީސްއަށާއި މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. ”

ޤައުމީ ދުވަހާ ގުޅުވައިގެން ބޭއްވުނު މިހަފުލާގައި ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ”މިއަދަކީ އުފާވެރި ޤައުމީ ދުވަސް ކަމަށާއި ޤައުމީ ދުވަހުގައި ޤައުމުގެ މިނިވަންކަމާއި، އިސްތިޤުލާލަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވި ޤުރުބާނީގެ އަގު ވަޒަންކުރަން ޖެހޭނެ ކަމަށާއި، އަޅުގަނޑުމެންނަށް މިނިވަންކަން ހޯއްދަވައި ދެއްވާފައިވަނީ އެ ބޭފުޅުންގެ ފުރާނައިން ވެވަޑައިގެންނެވި ޤުރުބާނީން ކަމަށާއި ތާރީޚްގެފަތްފުށް ތަކުގައި އެބޭފުޅުންގެ ނަން ލިޔެވިފައިވަނީ ރަން އަކުރުންކަން ފާހަގަ ކުރެއްވިއެވެ. ” އަދި ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިން ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ ފާހަގަ ކުރައްވާ އެބޭފުޅުންގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ކީރިތި ވަންތަ ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވިއެވެ.