އަޅުގަނޑު މެންނަކީ ޤައުމަށްޓަކައި ފަޚުރުވެރިވާ ބަޔަކަށްވާން ވެއްޖެ
އަޅުގަނޑު މެންނަކީ ދިވެހި ޤައުމަށްޓަކައި ފަޚުރުވެރިވާ ބަޔަކަށްވާން ވެއްޖެކަމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 78 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ދިދަ ނަންގަވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ” އަޅުގަނޑުމެންގެ ޤައުމުގައި ތަފާތު އެތައް ދުވަސްތަކަކާއި ޒިކުރާތަކެއް އެބަ އިޙްތިފާލްކުރެވޭ ކަމަށާއި، އެހެންނަމަވެސް، ޕޯޗްގީޒުންގެ ކިބައިން މި ޤައުމު ސަލާމަތްވި ދުވަސް ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންނަށް ފާހަގަވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ހަމައެކަނި ދުވަހަކީ މި ދުވަސްކަމަށްވެފައި، އެ ގޮތުން. 1 ޖެނުއަރީ 1998 ގައި ޢަމަލުކުރަން ފެށި ކުރީގެ ނޫ ޤާނޫނު އަސާސީގައި މި ދުވަސް ފުރަތަމަ ފަހަރަށް ބަޔާންވެ، އެ ފަހުން އަދި މިހާރު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ ގައި ވެސް މި ދުވަހުގެ ވާހަކަ އޮތުމުން އެއީ ވަރަށް މުހިއްމު ދުވަހަކަށް ވާތީ ކަމަށެވެ. އެހެންވީމާ، މި ދުވަހުގެ މުހިންމުކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މި އޮތީ އެނގެން. ”ކަމަށް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ މި ދުވަހާ ގުޅިގެން އަޅުގަނޑުމެން ޢަޒުމުތަކެއް ކަނޑައަޅަން ވެއްޖެކަމަށާއި އެގޮތުން އަޅުގަނޑުމެންނަކީ ” މި ޤައުމަށްޓަކައި ފަޚުރުވެރިވާ ބަޔަކަށްވާން ވެއްޖެކަމަށާއި، މި ޤައުމާއި، އަޅުގަނޑުގެ ބަހާއި، މާތްވެގެންވާ އިސްލާމް ދީނާއި، އަޅުގަނޑުމެންގެ ސަޤާފަތާއި ތަރިކައާއި އެއްބައިވަންތަކަމާއި މި އެންމެހައި ކަންކަމުގެ މައްޗަށް ބިނާވާ ދިވެހި ޤައުމިއްޔަތަށް އަޅުގަނޑުމެން ލޯބިކުރަމާ ހިންގަވާށޭ. ” އަދި ދިވެހި ޤައުމިއްޔަތަށް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށް ގޮވާލެއްވިއެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިއްދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި، ދިއްދޫގެ ކަމުވޮށިގެންވާ ބޭބޭފުޅުންނާއި ސްކޫލް ކުދިން ބައިވެރިވިއެވެ.