ދައްޕަރު ވަކިކުރެއްވުން: ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލަށް ހުށަހަޅައިފިއެވެ.
ޒަމާނުއްސުރެ ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި ބަލަމުންއައި ފިއްލަދޫ ދައްޕަރު ހއ. ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރެއްވުމާއެކު ރައްތިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދި ކައުންސިލަށާއި ރައްޔިތުންނަށް ލިބެމުންއައި ނަފާވެރިކަން ގެއްލިގެން ދިއުމުން ސޯސަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންގޮސްފައި ވެއެވެ.
ދައްޕަރުގެ މައްސަލާގައި ސަރުކާރުން ނިންމެވި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ފިއްލަދޫ ކައުންސިލްގެ 09 ވަނަ ޢާންމު ބައްދަލުވުމުން ނިންމަވާފައިވަނީ ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ހިމެނޭ ދައްޕަރު އަލުން ފިއްލަދޫ އިޙްތިސާސްގައި ހިމަނައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރެއްވުމަށެވެ. އަދި މި މައްސަލާގައި ހއ. އަތޮޅު ކައުންސިލުންވެސް ގޮތެއް ނިމްމަވައި ސަރުކާރުގައި ދަންނަވައި ދެއްވުމަށް އެ ކައުންސިލުން އެދިވަޑައި ގެންފައި ވެއެވެ.
މި މައްސަލަ ހއ. އަތޮޅު ކައުންސިލްގެ 17 ވަނަ ޢާންމު ބައްދަލުވުމަށް ހުށަހެޅުމުން ފިއްލަދޫ ކައުންސިލްގެ އިޙުތިސާސުން ދައްޕަރު ވަކިކުރުން އެއީ ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވެ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުންވެސް ވާހަކަ ދައްކަވާފައިވެއެވެ. އެހެންކަމުން އަތޮޅު ކައުންސިލްގެ 17 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލްގެ 15 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ
ދައްޕަރު ވަކިކުރެއްވުން އަލުން މުރާޖަޢާ ކުރެއްވުމަށާއި ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް އަތޮޅު ކައުންސިލްގެ ސިޓީއެއް ފޮނުއްވުމަށެވެ. އެހެންކަމުން މި ސިޓީ މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިއަހަށް ފޮނުވިފައެވެ.
އިދާރީ ދާއިރާތައް ( ރާއްޖޭގެ އަތޮޅުތައް ) ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( 7/2010 ) އުފެދުމުގެ މާ ކުރިންވެސް ހއ. ފިއްލަދޫ ދައްޕަރަކީ ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި ބަލަމުން އައި ތަނެކެވެ.