އަތޮޅު ޤުރްއާން މުބާރާތް 1442 ފެށިގެން ކުރިއަށްދަނީ

ހއ. އަތޮޅު ޤުރްއާން މުބާރާތް 1442 ފެށިއްޖެއެވެ. މުޅިން އަލަށް ވީޑިއޯ މެދުވެރިކޮށް އިންސާފު ކުރުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުނީ ކުރިންވެސް ކަނޑައެޅިފައިވާ ގޮތުގެމަތިން މިމަހުގެ 4 ވަނަ ދުވަހުއެވެ. އެއްވަގުތެއްގައި ހއ. އަތޮޅުގެ އެގާރަ ރަށެއްގައި މި މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ.

މި އަހަރުގެ ޤުރްއާން މުބާރާތް މިގޮތަށް ބޭއްވުމަށް ނިންމާފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެރަށެއްގެ ބަޔަކު އެރަށުގައި ތިބެގެން މުބާރާތް ކުރިއަށް ގެންދާ ގޮތަށެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރެވޭނީ ފަނޑިޔާރުން ވީޑިއޯ އަޑުއައްސެވުމަށްފަހު ލިބޭ ނަތީޖާއެއްގެ މައްޗަށެވެ.

މިމުބާރާތުގައި ބައިވެރިވެނޭނީ ރަށު ފެންވަރުގައި ބޭއްވުނު އޮޑިޝަނުން ހޮވުނު ކުދިންގެ މެދުގައެވެ. މުބާރާތުގެ ކިޔެވުމުގެ ރެކޯޑިން އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ އެންމެފަހުގެ ތާރީޚަކީ 10 މާރިޗް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އެންމެފަހުން ބޭއްވުނު ހއ. އަތޮޅު ޤުރްއާން މުބާރާތް ބާއްވާފައިވަނީ ހއ. ކެލާގައެވެ. މިއީ ކީރިތި ޤުރްއާނާމެދު މީސްތަކުންގެ މެދުގައި ލޯބި ޖެއްސުމުގެ މާތް މަޤްޞަދުގައި ހއ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.