ބާރަށުން އިތުރުބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށުން 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މިހާތަނަށް އެރަށުން 25 މީހުންނަށް ބަލި ޖެހިއްޖެއެވެ.

މިއީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބިބަޔަކު ޕޮޒިޓިވް ވުމާގުޅިގެން އެމީހުންނާ ކޮންޓެކްޓްވި ފަރާތްތަކުން އުފެދުނު ކްލަސްޓާ ތަކެއްގެ ސަބަބުން ބަލިޖެހުނު ބައެކެވެ.

ބާރަށު ސިއްޙީ މަރުކަޒުން އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރިގޮތުގައި މިހާތަނަށް ނެގުނު 374 ސާންޕަލްގެ ތެރެއިން ތިންމީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ 40 އަހަރުން ދަށުގެ މި ތިން މީހުންގެވެސް ހާލު ރަނގަޅުކަމަށް ވެއެވެ.

ބާރަށް މިހާރު އޮތީ މިދިޔަ ހޯމަދުވަހުން ފެށިގެން މޮނިޓަރިންގ ހާލަތުގައެވެ. އެހެންކަމުން ރަށްރަށުގެ މީހުން މިވަގުތު އެރަށަށް ލަފާފުރުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް ފެތުރުން މަދުކުރުމަށްޓަކައި ހޯމް ކަރަންޓީނުގެ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ބަލި ނެތް ރަށެއްގައިވެސް ބަލި ފެތުރެން ދިމާވަނީ އެޗް.ޕީ.އޭގެ އުސޫލުތަކަށް ސަމާލުކަން ނުދޭތީއެވެ. އެހެންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ޒިންމާ އަދާ ކުރުމަކީ މިވަގުތު ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ.