އިހަވަންދޫން ހަތްމީހަކު އަނެއްކާވެސް ކޮވިޑަށް ފައްސި ވެއްޖެ

ހއ. އިހަވަންދޫން އިއްޔެ ފައްސިވި ހަތް މީހުންގެ ތެރެއިން ހަ މީހުންނަކީ އިމާރާތްކުރުމުގެ މަސައްކަތަށް އެ ރަށަށް ދިޔަ ބައެއް ކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ބުނެފިި އެވެ. ދެން އެ ރަށުން ފައްސިވީ މާލޭން ދިޔަ އެހެން ދިވެއްސެކެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި މުހައްމަދު އަކްރަމް މިއަދު ވިދާޅުވީ އެ ރަށު ސްކޫލު އިމާރާތް ކުރުމަށް ގޮސް ތިބި ބިދޭސީންނާއި އަނެއް ދިވެހި މީހާ ޕޮޒިޓިވްވިކަން އެނގުނީ، 14 ދުވަހުގެ ހޯމް ކަރަންޓީން ނިންމުމަށް ފަހު ހެދި ޓެސްޓުން ކަމަށެވެ.

އިހަވަންދޫން ކޮވިޑް ކޭސްތަކެއް ފެނުމާއެކު، ސިއްހީ މަރުކަޒުން ވަނީ އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައިފަ އެވެ. އެކަމަކު އަކްރަމް ވިދާޅުވީ، ހޯމް ކަރަންޓީނުގެ އުސޫލާ އެމީހުން ހިލާފުނުވާތީ، ބަލި އެހެން ބަޔަކަށް ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

“އެ މީހުންގެ ކޮންޓެކްޓުންނެއް ނެތް. އެހެންވެ، ރައްޔިތުންނަށް ބިރެއް ނެތް ކަމަށް ދެކެނީ،” އަކްރަމް ވިދާޅުވި އެވެ.

މިއާއެކު ހއ. އަތޮޅުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދކީ 31 އެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަަދަދަކީ 19 އެވެ. މިވަގުތު އެކްޓިވް ކޭސްގޮތުގައި ތިބީ 12 މީހުންނެވެ.