ކެލައާއި ދިއްދޫން ދެ މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ހއ. ކެލަ އާއި ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން މިއަދު ވިދާޅުވިގޮތުގައި ދިއްދޫން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 22 އަހަރުގެ އަންހެނަކު ކަމަށެވެ. ކެލައިން ޕޮޒިޓިވްވީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުން ދޫކުރުމުގެ ކުރިން ނެގި ރިލީސް ސާމްޕަލުންނެވެ.

ކެލާ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެރަށުގައި ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ސާންޕަލްގެ ތެރެއިން އެއް ފަރާތެއްގެ ސާންޕަލް ފައްސި ވެފައިވާކަމަށާއި އެފަރާތައް އަވަސް ޝިފާއަކަށް އެދި ވަޑައިގެންފައި ވެއެވެ. އެހެންކަމުން ކެލާގައި ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކަށް ޒިޔާރަތް ނުކުރުމަށާއި ކޮވިޑް ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ފޭސްބުކް މެދުވެރިކޮށް ކެލާ ކައުންސިލުން ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މިއާއެކު ހއ. އަތޮޅުން މިހާތަނަށް ބަލިޖެހުނު މީހުންގެ ޢަދަދަކީ 24 އެވެ. ބަލިން ރަނގަޅުވެފައި ވަނީ 19 މީހުންނެވެ. މިވަގުތު އެކްޓިވް ކޭސްގޮތުގައި ތިބީ 5 މީހުންނެވެ.