އިހަވަންދޫން ކޮވިޑް 19 އަށް ފައްސިވި އެންމެންނަށް ބަލިން ޝިފާ ލިބިއްޖެ

އިހަވަންދޫން ކޮވިޑަށް ފައްސިވި 5 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުނުވެ ތިބި ތަހުތު ބޯޓްގެ 2 ފަޅުވެރިން ބަލިން ރަނގަޅުވެ ދޫކޮށްލައިފިއެވެ. މިއާއެކު އިހަވަންދޫން ކޮވިޑަށް ފައްސިވި އެންމެން ރަނގަޅުވީއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މިއަދު ކަރަންޓީނުން ދޫކޮށްލާފައި ވަނީ ތަހުތު ބޯޓުގެ ބިދޭސީ ދެ ފަޅުވެރިންނެވެ. މި ދެމީހުން ދޫކޮށްލުމާއެކު ތަހުތު ބޯޓްގެ ކަރަންޓީނުވެސް ވަނީ އުވާލާފައެވެ.

އިހަވަންދޫން ކޮވިޑުގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި އެރަށުގައި ދުއްވާ ޓޫ.ފޯ.ޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުންނެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިހަވަންދޫން ކޮވިޑު ބައްޔަށް ފައްސިވި ދެވަނަ އަދި ތިންވަނަ މީހާ ބަލިން ރަނގަޅުވުމާއެކު ދޫކޮށްލާފައިވާ ކަމަށާ ކަރަންޓީނުގެ މުއްދަތުގައި އެފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ހއ. ފިއްލަދޫގައި ތިބި ކޮވިޑް ބައްޔަށް ފައްސިވި 3 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އެހެންކަމުން އެރަށްވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ. މިއާއެކު ހއ. އަތޮޅުން ކޮވިޑް 19 އަށް ފައްސިވި އެންމެން ރަނގަޅުވީއެވެ.