ކޯވިޑް 19 އަށް އުލިގަމުން މީހަކު ޕޮޒިޓިވްވެ އިތުރު ރަށްރަށް މޮނިޓަރިންގައި

ކޮވިޑް-19 އަށް ޝައްކުވެގެން ހއ.އުލިގަމުން ޓެސްޓު ކުރި މީހާ ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއީ މާލެ ފިޔަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. މީގެ ކުރިން ފެނުނު މީހުންނަކީ ރާއްޖެ އައި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުން އަދި ރާއްޖޭން ބޭރުން އައި ބައެއް ދިވެހިންނެވެ.

ހއ.އުލިގަމުން ޕޮޒިިޓިވްވި، ރާއްޖޭން ފެނުނު 52 ވަނަ މީހާ އަކީ މާލެ އައުމަށް ފަހު މި މަހުގެ 15 ވަނަ ދުވަހު އެނބުރި ރަށަށް ދިޔަ މީހެކެެވެ. އޭނާ މާލޭގައި ހުރީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ދިރިއުޅޭ އިމާރާތެއްގަ އެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލެއިން އޭނާ ރަށަށް ދިޔައީ ހއ. އިހަވަންދޫ ބޯޓެއްގަ އެވެ. އެހެންވެ އެ ބޯޓުން ދަތުރުކުރި މީހުން ތިބި ހަތް ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނަސްފަ އެވެ. މިގޮތުން ހއ. ތުރާކުނު، ހޯރަފުށި، އިހަވަންދޫ، ތަކަންދޫ، މާރަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައި ވާކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކޮށްފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް 52 މީހުން ފެނިފައިވާއިރު، އޭގެ ތެރެއިން 31 މީހުން ފެނިފައި ވަނީ މާލެއިންނެވެ. އެއީ 17 ބިދޭސީއަކާއި 14 ދިވެހިންނެވެ.