ކޮވިޑް 19 އާއި ގުޅިގެން ހއ. އަތޮޅުގެ ރަށްރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އުލިގަމުން ފެނުމާއި އަދި އޭނާ މާލެއިން އުލިގަމަށް ދަތުރުކުރި ބޯޓްގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ދަތުރުކޮށްފައިވާތީ ހއ. އަތޮޅު ހުރިހާ ރަށެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. މިގޮތުން ހއ. އަތޮޅު 6 ރަށެއް މިހާރުވަނީއެޗް.ޕީ.އޭ އިން ލޮކްޑައުން ކޮށްފައެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ހއ. އަތޮޅު ރަށްރަށުގައި އުފައްދާފައިވާ ޓާސްކް ފޯސްތަކުންނާއި ކައުންސިލްތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ޟަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ މީހުން ފިޔަވައި އެހެންމީހުން ބޭރަށް ނުނިކުތުމަށް އެންގުމާއި، ޢާންމުން އެއްތަނަކަށް އެއްވުން ހުއްޓުވުމާއި، ޕާރކުފަދަ ތަންތަނާއި ފިނިމައިޒާން ފަދަ ތަންތަން ވަގުތީގޮތުން ބަންދުކުރުމާއި، ވިޔަފާރިކުރާ ފިހާރަތައް ވަކި ގަޑިއަކުން ފެށިގެން ބަންދުކުރުމާއި، ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކޮށް ޑެލިވެރީގެ ޚިދުމަތް ފެށުމާއި، އެއްގަމު އުޅަނދު ވަކިގަޑިތަކަކުން ފެށިގެން ނުދުއްވުން ހިމެނެއެވެ.

މީގެއިތުރުން ބައެއް ރަށްރަށުގައި ޑެލިވެރީ ކޮށްދޭނެ ފިހާރަތަށް ހަމަޖެއްސުމާއި، މަސްވެރިކަމަށް ނުކުންނަ ފަރާތްތަކާއި އަދި މުހިންމު ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ ފަރާތްތަކުން ފުރުމުގެ ކުރިން ކައުންސިލްގައި ހުއްދަ ހޯދަން ޖެހުންފަދަ ކަންކަން ހިމެނެއެވެ.

ކޮވިޑް 19 އަކީ އަދި މިހާތަނަށް އެބައްޔަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށްވެފައި ބަލި ފެތުރެމުންދާލެއް ހަލުވިކަމުން މުޅި ދުނިޔެވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. މިހާތަނަށް ދެމިލިއަނަށްވުރެ ގިނަމީހުންނަށް ބަލިޖެހި ދޮޅުލައްކައަށްވުރެ ގިނަމީހުން މިބަލީގައި ވަނީ މަރުވެފައެވެ.