ކޯވިޑް 19 އާއި ގުޅިގެން އޭޕްރީލް މަހުގެ ނިޔަލަށް އޮފީސްތައް ބަންދުކުރާ ގޮތަށް ހަމަޖައްސަވައިިފި
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރާނާވައިރަހުގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވާ ކޯވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން އިތުރަށް ދަމަހައްޓަވައި އޮފީސްތައް ބަންދު ކުރައްވާފައިވާ މުއްދަތު މި އޭޕްރީލް މަހުގެ ނިޔަލަށް އިތުރު ކުރައްވައިފިއެވެ.
މިގޮތަށް ހަމަޖައްސަވަން ޖެހުނީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ފެނި އިތުރަށް މި ބަލި ފެތުރެން ފެށުމާއެކު އެންމެން އެއްތަނަކަށް އެއްވެ އުޅުން ހުއްޓުވުމުގެ ގޮތުންނެވެ.
ކޯވިޑް19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރެއްވިނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ދަތިނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ސަރުކާރުގެ މުވައްސަސާތަކަށް އަންގަވާފައެވެ. އެހެންކަމުން އެޚިދުމަތް ދިނުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކުން އަންނަނީ އެކި ވަސީލަތް މެދުވެރިކޮށް މުވައްޒަފުން ގޭގައި ތިއްބަވައިގެން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވަމުންނެވެ.
މި ނުރައްކާތެރި ބަލި ފުރަތަމަ ފެށިގެންއައީ ޗައިނާގެ ވޫހާން ސިޓީންނެވެ. ބަލީގެ ނުރައްކާތެރިކަން ބޮޑުކަމުން މިއީ ދުނިޔޭގައި ފެތުރެމުންދާ ރޯގާއެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އަދި މިބަލިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ވަނީ އެ ޖަމްޢިއްޔާއިން ގޮވާލައްވާފައެވެ.
މި ބައްޔަކީ އަލަށް އުފަންވެފައިވާ ބައްޔަކަށްވެފައި އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ގިނަބަޔަކު މިބަލީގައި މަރުވަމުން ގޮސްފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައިވެސް މި ބައްޔަށް މީހަކު ޕޮޒިޓިވްވެފައިވަނީ 07 މާރިޗް 2020 ގައެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 35 މީހަކަށްވަނީ މި ބަލި ޖެހިފައެވެ. މީގެތެރެއިން ބަލި ޖެހިފައިވާ ދިވެހިންގެ ޢަދަދަކީ 19 އެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް މީހަކު މަރުވެފައެއް ނުވެއެވެ. މުޅި ދުނިޔެއިން މިބަލީގައި 160،783 އަށްވުރެ ގިނަ މީހުން މަރުވެ 2،332،391 އަށްވުރެ ގިނަބަޔަކަށް ވަނީ ބަލި ޖެހިފައެވެ.
ދުނިޔެއަށް ކުރިމަތިވި މި ބޮޑު މުސީބާތާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަބައެއްގެ ވަޒީފާ ގެއްލި ރިޒޯޓްތައް ހިންގުން ހުއްޓި ޓޫރިޒަމަށްވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.