އިހަވަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ހއ. އިހަވަންދޫގައި މާލެ ދަތުރުކުރާ އެހެން ބޯޓެއް ކަމަށްވާ ” ތަޚުތު ” ބޯޓްގެ ދެ ފަޅުވެރިޔަކު ކޮވިޑް 19 އަށް ފައްސި ވެއްޖެއެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒުން ޚަބަރު ލިބުނުގޮތުގައި ކޮވިޑް ބައްޔަށް ފައްސި ވެފައިވަނީ އެބޯޓްގައި ފަޅުވެރިޔަކަށް އުޅޭ ބަގްލަދޭޝްގެ ދެ މީހުން ކަމަށެވެ. އެހެންކަމުން މިހާރު މި ބައްޔަށް އިހަވަންދޫން 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިންގޮތުގައި ފުރަތަމަ މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި 12 ވަރަކަށް މީހުންގެ ސާންޕަލް ނަގައި އަދި އިތުރު މީހުންގެ ސާންޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ދެވަނަ އަދި ތިންވަނައަށް ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

ހއ. އަތޮޅުގައި ކޮވިޑް 19 އަށް ޓެސްޓް ހެދޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން ޓެސްޓް ކުރަންޖެހޭ މީހުންގެ ސާންޕަލްތައް ގެންދަންޖެހެނީ ހދ. ކުޅުދުއްފުއްޓަށެވެ.

މީގެކުރިން އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކުވެސް ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އެފަހަރު ހއ. އަތޮޅުގެ ބައެއް ރަށްރަށް ފުރަ ބަންދުގެ ހާލަތަށް ގެނެވިފައި ވެއެވެ.