ކޮވިޑް 19 އާއި ގުޅިގެން ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި

ހއ. އަތޮޅު ކައުންސިލްގެ 148 ވަނަ ބައްދަލުވުން 23 އޭޕްރީލް 2020 ވަނަ ދުވަހު ފޯން ކޮންފަރެސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އަތޮޅުން ފެނުމާއި އަދި އޭނާ ދަތުރުކުރި ބޯޓުގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ދަތުރުކޮށްފައިވާތީ އަތޮޅު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންވެސް މަޝްވަރާކުރައްވައި ނިންމެވީ މޮނިޓަރިންގ ހާލަތުން ހއ. އުލިގަމު ފިޔަވައި އެހެން ރަށްރަށް ނެގިނަމަވެސް މުޅިރާއްޖެ މިހާރު ލޮކްޑައުން ހާލަތުގައި އޮތުމާއެކު މޮނިޓަރިންގެ ހާލަތުގައި ރަށްރަށުން ކަންކުރެއްވި އުސޫލާއި އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ހއ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ކަންކަންކުރިއަށް ގެންގޮސް ދަމަހައްޓަން ފެންނަކަމަށެވެ. އަދި ކައުންސިލްތަކުން ކަންކަން ނިންމަވަން ވާނީ އެޗް.ޕީ.އޭގެ ގައިޑް ލައިނާއި އެތަނުގެ ލަފާއާ އެއްގޮތަށް ކަމަށްވެސް އަތޮޅު ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ރަށްރަށުގެ ޓާސްކް ފޯސްތަކާއި ހެލްޕް ޑެސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ  މާސްކާއި، އަންގިފަދަ ތަކެތި ހޯދުމަށް އެލް.ޖީ.އޭ މެދުވެރިކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. މިގޮތުން ރަށްރަށަށް ބޭނުންވާ ތަކެތީގެ ޢަދަދު ނަގާ މިހާރު އެލް.ޖީ.އޭއަށް ފޮނުވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކޮށްފައިވަނީ ހއ. އުލިގަމު، ތުރާކުނު، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، ތަކަންދޫ މީހުންނެވެ.