ހއ. ތަކަންދޫން ތިންމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ހއ. ތަކަންދޫން ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެ ރަށަށް އަންގައިފި އެވެ.
މަޢުލޫމާތު ލިބުނު ގޮތުގައި ޕޮޒިޓިވްވި ތިން މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އިހަވަންދޫ ކާވިޔާ ބޯޓުން އެ ރަށަށް ދިޔަ ބައެކެވެ.
އެ ބޯޓުން ތަކަންދު އަށް ދިޔަ 36 މީހެއްގެ ސާމްޕަލް ނެގިއިރު މިހާތަނަށް ނަތީޖާ ލިބުނީ އޭގެ ތެރެއިން ބައެއް މީހުންގެ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެކެވެ.
މި ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު މީގެ ކުރިން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު އެ ރަށުން އިތުރު އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާތީ އެ ރަށް ވަނީ މޮނިޓަރިން އިން ވެސް ނަގައިފަ އެވެ. އެ ބޯޓުން ދަތުރުކުރި އެހެން ރަށެއްގެ މީހަކު ވެސް އަދި މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ތަަކަންދޫން ތިން މީހަކު ޕޮޒިޓިވްވުމުން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި ޕޮޒިޓިވްވި މީހުން އެކަހެރި ކުރުމުގެ މަސައްކަތް އެ ރަށު ޓާސްކްފޯހުން އަންނަނީ ކުރަމުންނެވެ.
އުތުރުގެ ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށް ފަރުވާ ދިނުމަށް ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓް ވަނީ ހަމަޖައްސައިފަ އެވެ.