މޮޅަދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި

ހއ. މޮޅަދު އަށް ޒަމާނީ ފެންވަރުގެ ބަނދަރެއް ލިބޭނެ ކަމުގެ ޔަގީންކަމާ އެކު ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް މިއަދު ފައްޓަވައި ދެއްވައިފިއެވެ. ބަނދަރު ހެދުމުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ދިވެހިރާއްޖޭގެ ނާއިބު ރައީސް އޮނަރަބްލް ފައިސަލް ނަސީމެވެ.

މޮޅަދޫއަކީ ޒަމާނުއްސުރެ ލަފާފުރުންދަތި ރަށެކެވެ. އެރަށުމީހުން ރަށަށް އަރާފޭބުމުމަށް ބޭނުންކުރަމުން ގެންދަނީ ފާލަމުންނެވެ. ދިޔަވަރު ހިކި ވަގުތުތަކުގައި ފާލަމުން އަރާފޭބުމަކީ ފަސޭހަ ކަމެއްނޫނެވެ، އަދި ރާޅުބޮޑު ވަގުތުތަކުގައި ފާލަމާ ކައިރި ކުރުމުގެ ތެރޭގައި އުޅަނދަށާއި ތަކެއްޗަށް ގެއްލުން ލިބޭފަދަ ހާލަތްތައް ދިމާވާލެއް މަދެއް ނޫނެވެ. އެހެންނަމަވެސް އެރަށުމީހުންނަށް މިނޫން ދުވަހެއް އަތުވެދާނެ ކަމަކަށް އުއްމީދެއް ނުކުރެއެވެ.

މުޅި ރަށް މިއަދު ވަނީ އުފަލުން ފޮޅިފަ އެވެ. އޭގެ ތެރެއިން ވެސް އުމުރުން ތިން އަހަރު ވާން ކައިރި ވެފައިވާ މާހިން މުހައްމަދަށް ލިބޭ އުފާ މާބޮޑެވެ. އެންމެންގެ ނަޒަރު މިއަދު ހުއްޓުނީ އޭނާ އަށެވެ. އެއީ، މި އަހަރުގެ ޖޫން މަހު ނައިބު ރައީސް ފައިސަލް ނަސީމް މި ރަށަށް ވަޑައިގެން ސަލާމް ކުރައްވަމުން ދަނިކޮށް، ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައް ނައިބު ރައީސަށް ދެންނެވީ މި ކުޑަކުޑަ މާހިން ކަމަށް ވާތީ އެވެ.

މޮޅަދޫ ރައްޔިތުން ދެކޭގޮތުގައި އެރަށަކީ އާބާދީގޮތުން ބައިމަދު ރަށަކަށް ވީނަމަވެސް އެމީހުންނަށް ލިބެންވާ އަސާސީ ފަސޭހަތައް އެހެން ރަށްރަށާ އެއްގޮތަށް އެ ރަށަށްވެސް ލިބެންވާނެއެވެ. މިފަސޭހަ ލިބޭނެ ކަމުގެ އުއްމީދު އެތައް އަހަރަކަށް ދެމިގެން ދިޔަނަމަވެސް އެ މީހުންގެ އުއްމީދު ކަނޑައެއްނުލައެވެ. މިއަދު މިވަނީ އެ އުއްމީދު ހަޤީގަތަކަށް ވެފައެވެ. އެހެންކަމުން އަދުގެ ސަރުކާރުން މޮޅަދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވާ މި އަގުބޮޑު މަސައްކަތަށް ސަރުކާރަށް ފަށްފަށުން ޝުކުރު އަދާކުރައްވައެވެ.

މޮޅަދޫގެ ބަނދަރު ހެދުމާއެކު ހއ. އަތޮޅު ހުރިހާ ރަށެއްގެ ބަނދަރު ހަދާ ނިމުނީއެވެ.