134 ބައިވެރީންނާއެކު ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ފަށައިފި.

ހއ. އަތޮޅުގެ ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހއ. އުތީމުގައި މިއަދު ފެށިއްޖެއެވެ. ހއ. އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއަދު 13:00 ގައި ފެށިގެންދިޔަ މި މުބާރާތް ފަށްޓަވައި ދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.
މި އަހަރުގެ މުބާރާތުގައި 13 ރަށުން 134 ބައިވެރީން ބައިވެރިވެފައިވެއެވެ. މި މުބާރާތް ބޭއްވެނީ ރަށު ކައުންސިލްތަކުން އޮޑިޝަނެއް ނުވަތަ މުބާރާތެއް ބާއްވައި އެ އޮޑިޝަނުން ނުވަތަ މުބާރާތުން ހޮވިގެން އެ ރަށެއް ތަމްސީލުކުރާ ބައިވެރިންގެ މެދުގައެވެ.

މި މުބާރާތަކީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމުގެ މާތް މަޤްޞަދުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެފަހުން ބޭއްވުނު ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ބާއްވާފައިވަނީ ހއ. މާރަންދޫގައެވެ.

މި މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅު ތަމްޘީލް ކުރާނެ ބައިވެރީން ހޮވުމަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޙާފިޡާ ލަޠީފާ އަޙްމަދާއި އަލްޙާފިޡާ ނާޝިދާ މުޙައްމަދާއި އަލްޤާރީ ޢަބްދުﷲ ޢިމާދެވެ. މި މުބާރާތް ކުރިއަށް ދަނީ 2024 އޮކްޓޫބަރު 24-26 އަށެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2024 އޮކްޓޫބަރު 26 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 ގައެވެ.