ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމު އަދި ވަށަފަރު

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އުތީމު އަދި ވަށަފަރެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ  ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 15:45 ގައި މާރަންދޫ ނާކޮޅު ސްޓޭޑިއަމްގައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އުތީމު އަދި މުރައިދޫއެވެ. އެ މެޗު އުތީމު  ޓީމުން މޮޅުވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ ފައިނަލް ދެ ވަނަ މެޗުގައި ފިއްލަދޫ އާއި ވަށަފަރު ބައްދަލުކުރި މެޗުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވަށަފަރު ޓީމެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް 30000.00 (ތިރީސްހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތައްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުމެއް ވަނީ ދިނުމަށް ހަމަޖެހިފައެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް 10000.00 (ދިހަހާސް) ރުފިޔާ ގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނާއި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ ކޮންމެ މެޗެއްގައި މޭން އޮފް ދަ މެޗު ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.