2022 ވަނަ އަހަރު ހއ. އަތޮޅުން އެންމެ ގިނަދުވަސްވީ ކެޔޮޅުގެ އިނާމު ޙާޞިލްކުރެއްވި އިބްރާހީމް ރަޝީދު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރުންދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހއ. އިހަވަންދޫ ގުރަހަ އިބްރާހީމް ރަޝީދު ޙާޞިލް ކުރައްވައިފިއެވެ. މި އިނާމު ދީފައިވަނީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައެވެ.

މަސްވެރިކަމުގެ ދާއިރާއިން  ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން އިނާމު ޙާޞިލްކުރެއްވި ހއ. އިހަވަންދޫ ގުރަހަ އިބްރާހީމް ރަޝީދަކީ އުމުރުން 14 އަހަރުންފެށިގެން މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ  ބޭފުޅެކެވެ. އެގޮތުން މަސްވެރިކަމާ ގުޅޭ ނިޔަމި ކޯސް ފުރިހަމަ ކުރައްވުމާއި މި ދާއިރާގައި  30 އަހަރަށްވުރެން ދިގު މުއްދަތެއްގައި ޚިދުމަތްކުރަމުން ގެންދަވާ ބޭފުޅެއްގެ އިތުރުން، އިބްރާހީމް ރަޝީދު ކެޔޮޅުކަން ކުރައްވާތާ 25 އަހަރު ވެފައިވާކަން ފާހަގަ ކުރެވިފައިވެއެވެ.

2022 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމުގެ އިނާމަށް  މި ކައުންސިލުން ހއ. އަތޮޅަށް ހުޅުވާލި ފުރުޞަތުގައި އެންމެ ގިނަދުވަސްވީ ކެޔޮޅުގެ އިނާމު ޙާޞިލްކުރެއްވި ހއ. އިހަވަންދޫ ގުރަހަ އިބްރާހީމް ރަޝީދު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާތީ، ހއ. އަތޮޅު ކައުންސިލްގެ ނަމުގައި އިބްރާހީމް ރަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.