އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ދިނުމަށް ހޮވުނު ހަތް ރަށުގެ ތެރެއިން ހަތަރު ރަށަކާއެކު އެހީދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

އަތޮޅު ކައުންސިލްގެ މާލިއްޔަތުން އެހީ ފޯރުކޮށްދިނުމަށް 2023 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި ރަށްރަށުގެ ތެރެއިން މި ބުރުގައި މާލީ އެހީތެރިކަން ދޫކުރުމަށް ހޮވުނު 7 ރަށުގެ ތެރެއިން 4 ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ)  ދޫކުރުމަށް ހަމަޖެހިގެން މިއަދު މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ހަތަރު ރަށަކީ އުލިގަން، މޮޅަދޫ، ފިއްލަދޫ އަދި މުރައިދޫއެވެ.

 

މީގެ ފުރަތަމަ ބުރުގައި، 2022 ވަނަ އަހަރު އަތޮޅު ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން ވަނީ 7 ރަށަކާއެކު އަތޮޅު ކައުންސިލްގެ މާލިއްޔަތުން އެހީ ދޫކުރުމަށް އެއްބަސްވެފައެވެ. އެއީ ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ.

 

މިއީ، އަތޮޅު ކައުންސިލުގެ 4 ދައުރުގެ 71 ވަނަ އާއްމު ބައްދަލުވުމުން ނިންމައިގެން ހއ. އަތޮޅު ރަށު ކައުންސިލްތަކާއި، ހއ. އަތޮޅު ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި، އަދި ހއ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްޢިއްޔާތަކުން ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކަށް ދޫކުރެވުނު މާލީ އެހީތެރިކަމެކެވެ.