އަތޮޅު ޤުރްއާން މުބާރާތް 1440 ނިމި ބައިވެރިންނަށް ތައްޓާއި ހަނދާނީ ލިއުން ދެއްވައިފި

މިމަހުގެ އަށާރައިން އިން ވިއްސަށް ހއ. ކެލާގައި ކުރިއަށްދިޔަ ހއ. އަތޮޅު ޤުރްއާން މުބާރާތް 1440 ނިމި ބައިވެރިންނަށް ހަނދާނީ ލިއުމާއި ތަށި ދެއްވައިފިއެވެ. މިކަމަށްޓަކައި ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފު ވެރި މެހުމާނަކީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މި ޖަލްސާގައި ކެލާ ކައުންސިލާއި ކެލާގައި ހުންނަ ސަރުކާރު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހއ. އަތޮޅު ހަތަރު ރަށަކުން ބައިވެރިވި މި މުބާރާތުގައި ބާވީސް ބައިވެރިން ވާދަ ކުރިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 19 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 3 ބައިވެރިންނެވެ.

މި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނައަށް ދިޔައީ ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ. ދެވަނައަށް ދިޔައީ ހއ. ހޯރަފުށީ ތޯތާގެއާގެ އަޙުމަދު ސުޖާއެވެ. ތިންވަނައަށް ދިޔައީ ހއ. ހޯރަފުށީ ރަސްކަރަ ޢާއިޝަތު ޝަރުފާއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނައަށް ދިޔައީ ހއ. ދިއްދޫ އޭޝިޔާ މަރިޔަމް އަރޫޝާއެވެ.

މުޅި މުބާރާތުން އެއްވަނަ ރަށަކަށް ހޮވިފައިވަނީ ހއ. ދިއްދޫއެވެ. ދެވަނައަށް ދިޔައީ ހއ. އިހަވަންދޫއެވެ. ތިން ވަނައަށް ދިޔައީ ހއ. ކެލާއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޙުސައިން ވިދާޅުވީ މި ބުރާތަކީ މުޅި އަތޮޅަށް ހުޅުވައިލައިގެން ބޭއްވި މުބާރާތެއް ކަމުގައި ވީނަމަވެސް ބައިވެރި ރަށުގެ ޢަދަދު މަދުކަމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އެހެން ދިމާވި ސަބަބެއްކަމަށް ލަފާކުރެވެނީ މި ބުރާތް މިހާރު ކުރިއަށްދަނީ ހަމައެކަނި 18 އަހަރުން މައްޗަށް ކަމަށް ވެފައި އެޢުމުރުން ވާދަކުރާނެ ބައިވެރިން ރަށްރަށުން ލިބުން ދަތިވުންކަމަށް ވެދާނެކަމަށެވެ. އެހެންކަމުން މުބާރާތް ބާއްވާ ޢުމުރުފުރާ ބަދަލުކުރަން ގަސްދު ކުރައްވާ ކަމަށެވެ.

ކައުންސިލްގެ ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މި މުބާރާތް ކެލާގައި ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގައި ކެލާ ކައުންސިލުން ކުރެއްވި ބުރަމަސައްކަތަށްޓަކައި އެކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

މި މުބާރާތް ކުރިއަށް ގެންދެވުނު ގޮތާބެހޭގޮތުން ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ މެމްބަރ ޢަބްދުﷲ ސިރާޖް ވިދާޅުވީ މި މުބާރާތުގައި ވާދަކުރާ ބައިވެރިން މަދުވެގެން އުޅެނީ މުބާރާތް ހިނގަމުންއައި އުސޫލަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ގެންނެވި ބަދަލަކާ ގުޅިގެންކަމަށާއި ވަކި ޢުމުރު ފުރާއަކަށް ނޫނީ މިފަދަ މުހިންމު މުބާރާތުގައި ބައިވެރި ނުވެވޭގޮތަށް އޮތުމުން ކަމަށެވެ. އެހެންކަމުން 2 އަހަރުގެ ތަޖުރިބާއަށް ބަލާފައި މިއަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންނަށްވެސް ވާދަ ކުރެވޭގޮތަށް މި މުބާރާތް ހުޅުވާލާނެކަމަށެވެ.

މި ޖަލްސާގައި ކެލާ ކައުންސިލްގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލާ އާމިނަތު އިސްމާޢީލެވެ. އެކަމަނާގެ ވާހަކަފުޅުގައި މި މުބާރާތް ކެލާގައި ބާއްވަން ކެލާ ކައުންސިލުން ނިންމީ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު އަލާކުރުމާއި ޤުރްއާނާމެދު ކެލާ ރައްޔިތުންގެ ހިތްތަކުގައި ދެވޭ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.


Leave a Reply