ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީފައިނަލް މިއަދު ކުޅޭނެ

އެސް.ޓީއޯ ތިލައުތުރު ފުޓްސަލް މުބާރާތް 2022 ގެ ސެމީފައިނަލް މެޗުތައް މިއަދު ކުޅެވޭނެއެވެ. އުތީމު ކަލާފާނު ފުޓްސަލްދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމްތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން  އެއްވަނަ އާއި ދެވަނަ ޓީމް ސެމީ ފައިނަލަށް ދާގޮތަށެވެ. މި މުބާރާތުގައި 10 ޓީމް ބައިވެރިވެފައިވެއެވެ.

މި މުބާރާތު ގްރޫޕް އޭ އިން އެންމެ ގިނަ ޕޮއިޓް ހޯދާފައިވަނީ ފެނަކަ މުރައިދޫ ބްރާންޗާއި ތުރާކުނު ކައުންސިލެވެ. ފެނަކަ މުރައިދޫ ބުރާންޗަށް 10 ޕޮއިންޓް ލިބިފައިވާއިރު ތުރާކުނު ކައުންސިލަށް ލިބިފައި ވަނީ 9 ޕޮއިންޓެވެ.  ގްރޫޕް ބީ އިން އެންމެ ގިނަ ޕޮއިންޓް ހޯދާފައި ވަނީ ފިއްލަދޫ ކައުންސިލާއި ފެނަކަ ދިއްދޫ ބުރާންޗެވެ. ފިއްލަދޫ ކައުންސިލުން 12 ޕޮއިންޓް ހޯދާފައިވާއިރު ފެނަކަ ދިއްދޫ ބުރާންޗަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. އެހެނިހެން ސްޕޮންސަރުންނަކީ ސީގަލް ގްރޫޕް، އަލްޓްރާ ފެޝަން، އުތީމު މަހާރަދުންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000.00 ރުފިޔާ، ރަނަރއަޕް ޓީމަށް 15000.00 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް 10000.00 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.