ހއ. އަތޮޅު ކައުންސިލަށް ގިނަދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވި 2 ބޭފުޅަކު މަޤާމުން ރިޓަޔަރ ކުރައްވައިފި.

ހއ. އަތޮޅު ކައުންސިލަށް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ 2 ބޭފުޅުން ކަމުގައިވާ ކައުންސިލް އޮފިސަރ އަލްފާޟިލް އަޙްމަދު ނަޞީރު 2022  އޮކްޓޫބަރު 19 ވަނަ ދުވަހު ވަޒީފާއިން ރިޓެޔަރ ކުރައްވާފައިވާތީ، އަދި ކައުންސިލް އެސިސްޓެންޓް އަލްފާޟިލް ޢަބްދުއްރަހީމް ޤާސިމް އެމަގާމުން ރިޓަޔަރ 2022 ޑިސެންބަރު 16 ވަނަ ދުވަހު ރިޓެޔަރ ކުރައްވާތީ ދެބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ. ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު މި ޙަފްލާގައި މަޤާމުން ރިޓަޔަރ ކުރެއްވި 2 ބޭފުޅުންގެ ޢާއިލާ އާއި މިކައުންސިލްގެ މުވައްޒަފުންނާއި މި ކައުންސިލަށް ގިނަދުވަހު ޚިދުމަތްކުރައްވައި ޝަރަފްވެރި ކަމާއެކު ވަކިވެ ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޙަފްލާގައި 2 ބޭފުޅުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކޮށް ދެއްވުމާއި 2 ޢާއިލާ ވަކީން ކޭކުފެޅުމާއި 2 ބޭފުޅުންގެ ޝުޢޫރު ފާޅުކުރެއްވުން އޮތެވެ. 2 ބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކަންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ.

ރިޓަޔަރ ކުރެއްވި ދެބޭފުޅުންގެ ތެރެއިން އަލްފާޟިލް އަޙްމަދު ނަޞީރު ހއ. އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 1986 ފެބުރުވަރީ 4 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ ކާތިބު ކަމުގެ މަޤާމު ލިބި ވަޑައިގަތުމުންނެވެ. އޭގެފަހުން އަތޮޅު އޮފީހުގެ އެކި މަޤާމުތައް ފުރުއްވުމަށްފަހު 04 އޯގަސްޓް 2011 ގައި އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރުގެ މަޤާމަށް ބަދަލު ކުރެއްވިއެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އަޙުމަދު ނަޞީރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓުގައެވެ. އަޙުމަދު ނަޞީރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާއިން ކަނޑައަޅާ 5 އަހަރު ދުވަހުގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭން ތަންފީޒް ކުރެވެމުންދާ މިންވަރު ބެލުމާއި، ރަށު ކައުންސިލް އިދާރާތައް މޮނިޓަރކުރުމަށްފަހު މޮނިޓަރިންގ ރިޕޯރޓް އެކުލަވާލުމާއި، ރަށު ކައުންސިލް އިދާރާތަކުން ތައްޔާރުކުރާ ތަރައްޤީގެ ޕްލޭންތައް ލޯކަލް ގަވަރމަންޓް އޮތޯރިޓިއަށް ފޮނުވުމާއި، އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އަޕްލޯޑްކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން އަތޮޅާބެހޭ ތަފާސް ހިސާބު އަޕްޑޭޓްކުރުމާއި، ކައުންސިލްގެ ޢާންމުކޮމިޓީގައި މަސައްކަތްކުރުން ހިމެނެއެވެ.

އަލްފާޟިލް ޢަބްދުއްރަޙީމް ޤާސިމް ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރުގެ ޑިސެންބަރު 7 ވަނަ ދުވަހު އަތޮޅު ދޯނި އަލްފާގެ ފަޅުވެރިއެއްގެ މަޤާމަށެވެ. އޭގެފަހުން މި އިދާރާގެ މަސައްކަތު މީހެއްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ  2009 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މަސައްކަތު މީހެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުއްރަޙީމް ޤާސިމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލްގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތައް ކޮށާ ވިނަ ނޮޅާ ސާފުކުރުމާއި، އޮފީހުގެ ގޯތިތެރެއާއި މަގުތައް ކުނިކެހުމާއި މި އިދާރާއިން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކުރުމާއި، ބޭންކަށް ޙަވާލުކުރަންޖެހޭ ތަކެތި ގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން ކަނޑުގެ ލައިސަންސް ދިނުމަށް ދެވޭ ޢަމަލީ އިމްތިހާނުގައި ދިނުމުގައި އެގްޒަމިނަރަށް އެހީތެރިވުމާއި ފިހާރަތަކުން ގަންނަ ޖެހޭ ތަކެތި ގަތުންފަދަ ކަންކަން ހިމެނެއެވެ.

އަލްފާޟިލް އަޙްމަދު ނަޞީރު މެދު ނުކެނޑި 39 އަހަރަށް ވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވެއެވެ. އަދި އަލްފާޟިލް ޢަބްދުއްރަޙީމް ދައުލަތުގެ ޚިދުމަތުގައި  24 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައިވެއެވެ. މި ދެބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ދެ ބޭފުޅުންނަށް ހއ. އަތޮޅު ކައުންސިލްގެ ނަމުގައި ވަރަށް އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.