އަތޮޅު ކައުންސިލް އިދާރާއިން 2021 ވަނަ އަހަރު ދީފައިވާ ޚިދުމަތްތައް

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން 2021 ވަނަ އަހަރު ދީފައިވާ ޚިދުމަތުގެ ތަފާސް ހިސާބު ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ހާމަކުރި ގޮތުގައި 2021 ވަނަ އަހަރު 496 މީހަކަށް އެއްގަމު ލައިސަންސް ދޫކޮށްފައިވާ ކަމަށާއި 84 މީހަކަށް ކަނޑުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށާއި، ކަނޑުގައި ދުއްވާ 13 އުޅަނދަކަށާއި އެއްގަމުގައި ދުއްވާ 85 އުޅަނދަކަށް ރަޖިސްޓްރީ ހައްދާ ދީފައިވާ ކަމަށާއި، އަދިމީގެ އިތުރުން 10 އުޅަނދަކަށް އޮޑީ ނަމްބަރ ދޫކޮށްފައިވާ ކަމަށާއި، 151 އުޅަނދަކަށް ރޯޑްވާތިނެސް ދޫކުރެވިފައި ވެއެވެ.

އަތޮޅު ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަހި ޕްރޮގްރާމްގެ ދަށުން ދެމުންދާ ފަހި ދުވެލީގެ 13 ދަތުރެއް ކޮށްފައިވާކަމަށާއި، މި ދަތުރުތަކަށް އެއްލައްކަ ވިހިހާސް އަށްސަތޭކަ ސޯޅަ ރުފިޔާ / އަށްޑިހަ ނުވަލާރި ލިބިފައި ވެއެވެ. އަދި ފަހި އަރަނީގެ ދަށުން 57 ފަރާތަކަށް މުދާ ދޫކޮށްފައިވެއެވެ. ފަހި އަރަނީގެ ދަށުން ދޫކުރެވުނު މުދަލުގެ އަގަށް މިހާތަނަށް ޖުމްލަ އެއްމިލިއަން ހަތަރުސަތޭކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ އަށްޑިހަ ތިންރުފިޔާ / ދެލާރި ޚަރަދުކޮށްފައި ވެއެވެ.

އަތޮޅު ކައުންސިލްގެ އިދާރާއިން އެކި ކަންކަމުގައި 2021 ވަނަ އަހަރު 31 އެގްރީމެންޓެއް ކުރެވިފައިވާއިރު އަތޮޅުގެއަށް ޒިޔާރަތްކޮށްފައިވާ މެހުމާނުންގެ އަދަދަކީ 335 އެވެ. އަދި އޮފީހުން ހޯދަންޖެހޭ އެކިއެކި ޚިދުމަތް ހޯދުމަށް 402 ޕީ.އީ.އޯ ހަދާފައި ވެއެވެ.