ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ

ތިލަދުންމަތީ އުތުރުބުރީ ރަށްރަށުގެ ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމާއި ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމަކީ އަތޮޅު ކައުންސިލްގެ މައްޗަށް ލާޒިމު ކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ. އަދި ހަމަ މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުން ޖަބާވުދާރީވާ ރިޕޯރޓްކުރާ ރަސްމީ ފަރާތަކީ، އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ކުރިއަށް ގެންދޭތޯ ބެލުމާއި، ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ދެއްވަމުން ގެންދަވަނީ ލާމަރުކަޒީ ޤާނޫނާ އެއްގޮތަށްތޯ އަތޮޅު ކައުންސިލުން ކަށަވަރު ކުރުމެވެ.

މިދަތުރުގައި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރައްވާފައިވަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށްތޯއާއި ކައުންސިލްތަކުން ސަރުކާރަށް ފޮނުވަންޖެހޭ ލިއެކިއުންތައް ފޮނުއްވުމުގައި ޤާނޫނަށް ޢަމަލުކޮށްފައިވާ މިންވަރުވެސް ބައްލަވާނެއެވެ. އަދި ކައުންސިލްތައް ހިންގުމުގައި އިދާރީ ގޮތުން ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ރަށު ކައުންސިލްތަކާ މަޝްވަރާ ކުރައްވާނެއެވެ.

މިއަދު ފެށުނު މި މޮނިޓަރިންގ ދަތުރުގައި ފުރަތަމަ މޮނިޓަރ ކުރެވޭނީ ތުރާކުނު ކައުންސިލް އިދާރާއެވެ. މީގެ އިތުރުން މިބުރުގައި މޮނިޓަރ ކުރުމަށް ހަމަޖެހިފައި ވަނީ، ތުރާކުނު، އުލިގަން، ތަކަންދޫ، އަދި މާރަންދޫ ކައުންސިލްގެ އިދާރާއެވެ.