ހއ. އަތޮޅު ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ތައްޓާއި އިނާމު ދެއްވައިފި

ހއ. އަތޮޅު ޤްރުއާން މުބާރާތް 1442 ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ދެއްވައި ފިއެވެ.

ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި ބޭއްވުނު މި ހަފްލާގައި ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ޙަވާލުކޮށް ދެއްވީ ޝަރަފްވެރި މެހުމާން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދުއާއި އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފިގުއާއި ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒާއި ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

މި މުބާރާތުގައި ދިހަ ފޮތުގެ ބައިން ތިންވަނަ ލިބިފައިވަނީ ހއ. ދިއްދޫ ދުނި، މަރްޔަމް މަހާ މުޙައްމަދަށެވެ. ދެ ވަނަ ލިބިފައިވަނީ ހއ. އިހަވަންދޫ އަމާޒު އިބްރާހީމް އައުސްއަށެވެ. ދިހަ ފޮތުގެ ބައިން ދެ ބައިވެރިއަކު އެއް ވަނަ ޙާޞިލްކޮށްފައި ވެއެވެ. އެއީ ހއ. ކެލާ ކައުންސިލް ތަމްސީލް ކުރި ބައިވެރިއެއްކަމުގައިވާ ހއ. ދިއްދޫ އައިވީ ޢާއިޝަތު ނީޝާން އާދަމް ނާފިޒާއި ހއ. ދިއްދޫ އާހަނދުވަރު  އާމިނަތު ނާޖިހާ އަތީޤެވެ.

މި މުބާރާތުގައި ވިހި ފޮތުގެ ބައިން  ތިންވަނަ ލިބިފައިވަނީ ހއ. ކެލާ ކާނިގަސްދޮށުގެ ޢާއިޝަތު ނަބީހާ އަމީން އަށެވެ. ދެވަނަ ލިބިފައިވަނީ ހއ. ކެލާ ނަޔާއަންދާޒްގެ ފާޠިމަތު ރިފްޢާ ރުޝްދީއަށެވެ. އެއްވަނަ ލިބިފައިވަނީ ހއ. ދިއްދޫ، އިސްދޫ ޝާނިހާ ޝަރީފަށެވެ.

މި މުބާރާތުގައި ތިރީސް ފޮތުގެ ބައިން ތިންވަނަ ލިބިފައިވަނީ ހއ. ދިއްދޫ ސިމްޔާމަންޒިލް ސުމާ ސިޔާމްއަށެވެ. ދެވަނަ ލިބިފައިވަނީ ހއ. ހޯރަފުށި ޕެރެޑައިސް އަޙްމަދު ޝުޖާޢު އަށެވެ. ތިރީސް ފޮތުގެ ބައިން އެއްވަނަ ލިބިފައިވަނީ ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނަށެވެ.

މުޅި މުބާރާތުން އެއްވަނަ ދަރިވަރަކީ ހއ. ދިއްދޫ ފުނަކުރި ބައްސާމާ ސުލައިމާނެވެ. ދެވަނަ ދަރިވަރަކީ ހއ. ހޯރަފުށީ ޕެރަޑައިސް އަޙުމަދު ޝުޖާއެވެ. ތިންވަނަ ދަރިވަރަކީ ހއ. ދިއްދޫ ސިމްޔާމަންޒިލް ސުމާ ސިޔާމެވެ.

ހއ. އަތޮޅު ޤުރުއާން މުބާރާތް 1442 މުޅި މުބާރާތުން އެއްވަނަ ރަށް ހއ. ދިއްދޫ، ދެވަނަ ހއ. ކެލާ، ތިންވަނަ ހއ. އިހަވަންދޫއެވެ.

މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހީމް ޝިފާއުއާއި އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީއާއި އަލްޤާރިޢާ ފާޠިމަތު ރަޝީދާއެވެ. މިފަހަރުގެ މުބާރާތް ބޭއްވިފައިވަނީ ކޮވިޑް-19 އާ ގުޅިގެން ވަރޗުއަލްކޮށް ރެކޯޑިންގ އަޑު އަހައިގެންނެވެ. މިއީ ހއ. އަތޮޅު ކައުންސިލުން ޤުރުއާން މުބާރާތް ބާއްވަން ފެއްޓީއްސުރެ ވަރޗުއަލްކޮށް މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.