އަލަށް އިންތިޚާބުވި ކައުންސިލަރުން މުވައްޒަފުންނާ ބައްދަލު ކުރައްވައިފި

ހަތަރުވަނަ ދައުރަށް އިންތިޚާބުވެ ވަޑައިގެންނެވި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ސާދަ މެންބަރުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ. 15 ޖޫން 2021 ވަނަ ދުވަހު ހއ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލްގެ 13 މެންބަރުންނާއި ކައުންސިލްގެ ރައީސްއާއި އަދި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުވައްޒަފުންގެ ދައުރު ވަރަށް މުހިންމުކަމަށާއި ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުމުގެ މައްޗަށް ބާރު އަޅުއްވާ ހުރިހާ މެންބަރުންވެސް ވާކަފުޅު ދެއްކެވިއެވެ. މެންބަރުންގެ ވާހަކަފުޅުގައި އިތުރަށް  ވިދާޅުވީ ހއ. އަތޮޅު ކައުންސިލަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ނަމޫނާ ކައުންސިލެއްކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅު ކައުންސިލުން ރައްޔިތުންނަށް ދެއްވާފައިވާ ޚިދުމަތްތަކާމެދު ހިތްހަމަ ޖެހޭކަމަށާއި އެކަން ރައްޔިތުން ބަލައި ގަންނަކަމަށެވެ.

އަތޮޅު ކައުންސިލްގެ ވޭތުވެދިޔަ 3 ދައުރުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ ކަމަށާއި އެގޮތުން ހަތަރުވަނަ ދައުރެއް ފެށިގެން މިއައީ ފަސްއަހަރުގެ ޓާމެއްގެ ތެރެއިން ކަމަށާއި އެހެންކަމުން މި ދައުރުގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ރަށުގައި ތިބެގެން ލިބޭނެމަގު ފަހިކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ އަތޮޅު ކައުންސިލްގެ އަމާޒަކަށް ވާންޖެހޭނެ ކަމަށްވެސް ބައެއް މެންބަރުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ އިސްވެރިންނަށް ލިބުނު ފުރުސަތުގައި އެބޭފުޅުން ވިދާޅުވީ އަތޮޅު ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކައުންސިލަރުންގެ ލަފައާއި އިރުޝާދު ވަރަށް މުހިންމު ކަމަށާއި އެބޭފުޅުން ދެއްވާ ލަފާއާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އާ އުންމީދުތަކާއިއެކު ލަނޑުދަނޑިތައް ޙާސިލް ކުރުމަށްޓަކައި ވަކި ފިކުރެއްނެތި ތެދުވެރިކަމާއެކު މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން މުވައްޒަފުންގެ ފަރާތުން ދެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.