އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް އަޙުމަދު ޞަބާޙު ހޮވިވަޑައިގެންފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށްޓަކައި މިއަދު ހެނދުނު ވޯޓްލުން ކުރިއަށް ގެންގޮސްފިއެވެ.

15 ޖޫން 2021 ވަނަ ދުވަހުގެ 10:00 ގައި އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 05 ވަނަ ޢާންމު ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު ނައިބު ރައީސް ހޮވުމުގެ މި އިންތިޚާބުގައި، ވާދަކުރެއްވީ އަތޮޅު ކައުންސިލްގެ މެންބަރު އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ޞަބާޙުއާއި، އަތޮޅު ކައުންސިލްގެ މެންބަރު ފިއްލަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ފަތުހުﷲ ޙަސަނެވެ.

މި އިންތިޚާބުގައި އަތޮޅު ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ 14 މެންބަރުންނާއި ކައުންސިލްގެ ރައީސް އާއިއެކު ވޯޓްލުމުގެ ޙައްޤު ލިބިފައިވާ 15 ބޭފުޅުން ވޯޓް ދެއްވިއެވެ. މި އިންތިޚާބުގެ ނަތީޖާގައި ވާގޮތުން އަލްފާޟިލް އަޙުމަދު ޞަބާޙުއަށް ލިބިވަޑައިގެންނެވީ 08 ވޯޓެވެ. އަލްފާޟިލް ފަތުޙުﷲ ޙަސަނަށް ލިބިވަޑައި ގެންނެވީ 07 ވޯޓެވެ. މިއީ ސިއްރު ވޯޓެކެވެ.

އެހެންކަމުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ ނައިބު ރައީސްކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އެރަށު ހަނދުވަރީނާޒް އަލްފާޟިލް އަޙުމަދު ޞަބާޙުވަނީ ހޮވިވަޑައި ގެންފައެވެ. މިފުރުޞަތުގައި އަލްފާޟިލް އަޙުމަދު ޞަބާޙުއަށް ކައުންސިލްގެ ނަމުގައި ތަހުނިޔާ ދަންނަވަމެވެ.